އެންޓި ޑިފެކްޝަން ބިލު ތަސްދީގުނުކުރަނީ މެންބަރުން ގަންނަން: ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވެ ތަމްސީލު ކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް، ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވަނީ މެންބަރުން ގަންނަން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ތުހުމަތު ކުރައްވައިފި އެވެ.އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ މިފަހުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 13 މެންބަރުން ބަދަލުވީ ފައިސާގެ މުއާމަލާތެއްގެ ދަށުން ކަމަށް ވިދާޅުވެފަ އެވެ."ހަމަ ކުންފުނި ކުންފުނިން އެކި މީހުންނަށް ޕްރޮޖެކްޓު ދީފައި އެއިން ނަގާ ލާރީގައި މެންބަރުން ގަންނަވީ ނޫންތޯ. އެހެންވީމާ ކީއްކުރަންތޯ ސަރުކާރަށް އެވަރުން މެންބަރުން ދޭންވީ. ހަމަ މެންބަރުން ގަނެފައި އެ މީހުންނަށް ޕްރޮޖެކްޓު ދީގެން އެ މީހުން ގެންގުޅެންވީ ނޫންތޯ," ޔާމީން ވިދާޅުވި އެވެ.ޔާމީން ވިދާޅުވި ގޮތުގައި މެންބަރަކު އޭނާ އިންތިހާބުވާ ޕާޓީ ނުވަތަ ފިކުރެއްގައި ހުރުމަށް ފަހު، ކެމްޕެއިން ތެރޭ އެހެން ޕާޓީއަކަށް/އެހެން ފިކުރަކަށް ނުދާނެ ކަމަށް ކިތަންމެ އަހުދެއްވެ އެވެ. އަދި އިންތިހާބުވުމަށް ފަހު، އެކަން ބަދަލުވުމުން އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ލަނޑެއްގެ ގޮތުގައިކަން ޔާމީން ސިފަ ކުރެއްވި އެވެ."އެހެންވީމަ، ކީއްވެގެންތޯ އަޅުގަނޑުމެން އެންޓި ޑިފެކްޝަން ބިލު، ގާނޫނަކަށް ހެދުމަށް ފުރުސަތު ނުދެނީ،" ޔާމީން އަނެއްކާވެސް ސުވާލު އުފެއްދެވި އެވެ.ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި އެ ބިލު ލަސްވަނީ ރައީސް އެކުމުގައި ގާނޫނީ ލަފާ ހޯއްދަވާތީ އެވެ.މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 33 މެންބަރުން މި ބިލު ފާސްކުރަން ވޯޓު ދެއްވި އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަ މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ