މި ކޭމްޕުގައި ދަސްކޮށްދެނީ، ލޯފަން މީހުން އެހެން މީހުންނަށް ބަރޯސާނުވެ ދިރިއުޅެން

ރާއްޖޭގައި ލޯފަން މީހުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 100އިން މައްޗަށް އަރަ އެވެ. އެ ފަދަ މީހުންނަށް ހާއްސަ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ (ބީވީއައިއެސްއެމް)އިން ބުނިގޮތުގައި އޭގެތެރެއިން ގިނަ މީހުން، ދިރިއުޅުމުގެ ހުރިހާ ކަމަކަށްހެން އެހެން މީހުންނަށް ބަރޯސާވާން ޖެހެ އެވެ. މީހުންގެ އެހީތެރިކަމާ ނުލައި، އެ މީހުންނަށް ގިނަ ކަންކަން ނުކުރެވެ އެވެ.
އެހެންވެ، އެޖަމިއްޔާއިން މިހާރު އަންނަނީ ފެނުމުން މަހުުރޫމްވެފައިވާ މީހުންނަށް، އެހެން މީހުންނަށް ބަރޯސާ ނުވެ ދިރިއުޅުމުގެ އަސާސީ ކަންކަން ފުރިހަމަ ކުރާނެ ގޮތް ކިޔައިދެމުންނެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ އެ ކުދިން އަމިއްލައަށް ބަނޑުހައިހޫނުކަން ފިލުވޭވަރު ކުރެވުން. އަމިއްލަ އެއްޗެހި އިސްތިރިކޮށް ހަދާނެ ގޮތް ކިޔައިދިނުން. މީހަކަށް ބަރޯސާ ނުވެ ހިނގާބިނގާވެ އުޅެވޭވަރު ކުރެވުން،" ބީވީއައިއެސްއެމްގެ މީޑިއޯ ކޯޑިނޭޓަރު އަބްދުއްރައްޒާގު ބުންޏެވެ.
އެ ޖަމިއްޔާއިން އަންނަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ، ލޮލަށް ނުފެންނަ މީހުން މާލެ ގެނެސް އެ މީހުންނަށް އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ވަޅި ފަދަ ތޫނު އެއްޗެހިން ކޮށަން ދަސްކޮށްދިނުމާއި އާދައިގެ ބައެއް ތަކެތި ކައްކަން ދަސްކޮށްދިނުމާއި މެޝިނުން އެއްޗެހި ދޮވުމާއި އިސްތިރިކުރާނެ ގޮތް ކިޔައިދިނުން ހިމެނެ އެވެ.
އޭގެ އިތުރުން ސްމާޓް ކޭން ނުވަތަ އަސާ ބޭނުންކޮށްގެން، މަގުމަތީގައި ހިނގާނެ ގޮތާއި އަމިއްލައަށް އެކި ކަހަލަ އެޕްލިކޭޝަން ބޭނުން ކުރާނެ ގޮތް ހިމެނެ އެވެ.
"ކުރީގައި ވިއްޔާ އެ ފަދަ ކުއްޖަކު މާލެ އަޔަސް، ތަނަކަށް ދާން ޖެހިއްޖެއްޔާ އަބަދު ވެސް ޖެހެނީ އެހެން މީހަކު އެކަން ކޮށްދޭންދެން މަޑުކުރަން. އެކަމަކު މިހާރު އަވަސް އެޕްލިކޭޝަން ބޭނުންކޮށްގެން، އެ ކުދިންނަށް އެނގޭނެ ކާރަކަށް ގުޅަން. ގޫގަލް މެޕް ބޭނުންކޮށްގެން އެތަނަކަށް އަމިއްލައަށް ދާން،" އަބްދުއްރައްޒާގު ކިޔައިދިނެވެ.
"އޭގެ އިތުރުން އަމިއްލައަށް ފައިސާ ޓްރާންސްފާ ކުރަން ވެސް އެނގޭނެ."
ސްމާޓް ކޭންއަކީ ޓެކްނޮލޮޖީގެ ޒަރީއާއިން ހިނގުމަށް އެހީވެދޭ އާލާތެކެވެ. ހިނގާފައި ދާއިރު، އެއްޗަކާ ވަކި ވަރަކަށް ކައިރިވީމާ އެ އެތި އެލާމް އަޅަން ފަށަ އެވެ. އެއްޗެއްގައި ޖެހޭވަރަށް ކައިރިވިއްޔާ ވައިބްރޭޓް އަޅަން ފަށަ އެވެ.
އަހަރުގެ އެކި ދުވަސްވަރަށް ބަލައިގެން، ހިންގާ މި ކޭމްޕުގައި މި ވަގުތު 20 މީހުން ބައިވެރިވެ އެވެ. ވަރަށް ޒުވާނުންނާއި ދުވަސްވީ މީހުން ވެސް ބައިވެރިވާ މި ކޭމްޕުގައި އެކި ދުވަސްވަރު ދަސްކޮށްދެނީ އެކި ކަންކަން ކުރުމަށެވެ.
އަބްދުއްރައްޒާގު ބުނިގޮތުގައި މި ކޭމްޕުގެ ޒަރީއާއިން، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުން، މީހެއްގެ އެހީއާ ނުލައި އަމިއްލައަށް ދިރިއުޅެން މިހާރު އަންނަނީ ދަސްކުރަމުންނެވެ. އާއްމު ދިރިއުޅުމަށް ބޭނުންވާ އެކި އުކުޅުތަކުގެ އިތުރުން، މި ކޭމްޕުގައި އަންނަނީ، އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި މީހުންގެ ތެރޭގައި އިސްނަގައި، ގުޅިގެން އުޅުން ފަދަ ކަންކަމަށް ވެސް، ދައުލަތުގެ އެކި ވުޒާރާތަކާ ގުޅިގެން އަންނަނީ ހޭލުންތެރިކުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ