އިރާންގެ ޤަޝްމް އައިލެންޑުގައި ބާރުގަދަ ގޮވުންތަކެއް!

އިރާންގެ ދެކުނުން ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އިރާނުގެ އެންމެ މުހިންމު އެއް ރަށް ކަމަށްވާ ޤަޝްމް އައިލެންޑުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިރާންގެ މެހްރް ނިއުސް އެޖެންސީއާއި ތަސްނީމް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޤަޝްމް އައިލެންޑްގެ އިތުރުން ބަންދަރު އައްބާސް އަދި ސިރީކް ހިމެނޭ ގޮތަށް އިރާންގެ ދެކުނުގެ އައްސޭރިފަށުގެ އެކި ސަރަހައްދުތަކުން ބާރުގަދަ 6 ގޮވުމެއްގެ އަޑު ވަނީ އިވިފައި އެވެ.
މި ހަމަލާތަކުގެ ޒިންމާ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިހާރު އިއުލާންކޮށްފައިވާއިރު، އެމެރިކާއިން ބުނީ މިއީ އިއްޔެގެ ވަގުތެއްގައި އިރާނުން އެމެރިކާގެ އަސްކަރީ "އަޕާޗޭ" ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އަމުރުފުޅަށް ދިފާއީގޮތުން ދިން ވަރުގަދަ ރައްދު ހަމަލާތަކެއް ކަމަށެވެ.
އެމެރިކާއިން ރާއްޖެ ގަޑިން މިއަދު ހެނދުނު ބުނެފައިވަނީ، އިރާނުގެ ސަރަހައްދުތަކަށް ދޭންފެށި ހަމަލާތަކަކީ އެމެރިކާގެ އަމިއްލަ ދިފާއުގައި އަދި އިރާނުގެ އުދުވާންތަކަށް އެކަށީގެންވާ ރައްދެއް ދިނުމުގެ ގޮތުން ދޭން ފެށި ހަމަލާތަކެއް ކަމަށެވެ.
މި ހަމަލާގެ މައިގަނޑު އަމާޒަކަށްވި ޤަޝްމް އައިލެންޑަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ތިންބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅީގެ މެދުތެރޭގައި އޮންނަ، އިރާންގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) ގެ މިސައިލް މަރުކަޒުތަކާއި އަސްކަރީ ކަނޑުގެ މަރުކަޒުތައް ގާއިމްކޮށްފައިވާ އެންމެ ނާޒުކު ހޫނު ބިމެވެ.
މީގެ ކުރިންވެސް މި ރަށުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ހަމަލާދީފައިވާއިރު، މިއީ ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް އިރާނުން ބޭނުންކުރާ އެންމެ މުހިންމު އެއް ތަނެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިރާނާ ދެކޮޅަށް ކުރަމުންދާ މި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުމަކަށް އައި ނަމަވެސް އިއްޔެއިން ފެށިގެން އަނެއްކާވެސް މަޝްރަހު މިވަނީ އިންތިހާއަށް ނުރައްކާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ