މިނިވަން ދުވަހާ ގުޅިގެން ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެން.ސީ.އޭ) ގުޅިގެން ބާއްވާ ހާއްސަ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ހިތްތަކުގައި ގައުމީ ރޫޙު އާލާކޮށް، ގައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމުގެ މުހިންމުކަމާއި، ތާރީހީ ގޮތުން ފާހަގަކުރެވޭ ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ކެމެރާގެ ލެންސް މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފީ މުއްސަނދިކަން ދައްކާލުމުގެ ފުރުސަތު ފަންނުވެރިންނަށް ހޯދައިދިނުމަކީ ވެސް މި މުބާރާތުގެ އަމާޒެކެވެ.
މި މުބާރާތުގައި ފޮޓޯ ހުށަހެޅޭނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ:
ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން (މޫދާއި، ފަޅުފަޅާއި، ގުދުރަތީ މަންޒަރުތައް)
ދިވެހިރާއްޖޭގެ ތާރީހު (އާސާރީ ބިނާތަކާއި ތާރީހީ ތަންތަން)
ދިވެހިންގެ އާދަކާދައާއި ސަގާފަތް (ސަގާފީ ކުޅިވަރުތަކާއި އީދު ފަދަ މުނާސަބަތުތައް)
ދިވެހި މުޖުތަމައުގެ މިނިވަންކަމާއި އުފާފާގަތިކަން.
އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ބައިވެރިވެވޭ މި މުބާރާތުގައި ކޮންމެ މީހަކަށް ގިނަވެގެން 3 ފޮޓޯ ހުށަހެޅޭނެއެވެ. ފޮޓޯތައް ހުންނަންވާނީ ޖޭޕީއީޖީ ނުވަތަ ޕީއެންޖީ ފޯމެޓުގައެވެ. ރިޒޮލިއުޝަންގެ ގޮތުން އެންމެ ދިގު ފަރާތުގައި މަދުވެގެން 3000 ޕިކްސެލް ހުންނަންޖެހޭއިރު، ފައިލްގެ ސައިޒު 3 އެމް.ބީ އާއި 10 އެމްބީ އާ ދެމެދުގައި ހުންނަންވާނެއެވެ.
ބައިވެރިވާން އެދޭ ފަރާތްތަކުން ފޮޓޯއާއެކު އައިޑީ ކާޑުގެ ނަކަލަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް އަދި ފޮޓޯއާ ގުޅޭ ކުޑަ ތައާރަފެއް ހިމަނައި، pr@nca.gov.mv އަށް އީމެއިލް ކުރަންޖެހޭނެއެވެ. 18 އަހަރު ނުފުރޭ ބައިވެރިއެއްނަމަ، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅަންޖެހެއެވެ.
މި މުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ހިތްވަރުގަދަ ފައިސާގެ އިނާމުތަކެއް ވަނީ ހުށަހެޅިފައެވެ. އެގޮތުން:
1 ވަނަ: 10,000 ރުފިޔާ އާއި ހަނދާނީ ލިޔުން
2 ވަނަ (ދެ ފަރާތަކަށް): ކޮންމެ ފަރާތަކަށް 6,000 ރުފިޔާ އާއި ހަނދާނީ ލިޔުން
3 ވަނަ (ތިން ފަރާތަކަށް): ކޮންމެ ފަރާތަކަށް 3,000 ރުފިޔާ އާއި ހަނދާނީ ލިޔުން
މީގެ އިތުރުން މުބާރާތުން ހޮވޭ އެންމެ މޮޅު 10 ފޮޓޯ އާންމުންނަށް ދައްކާލުމަށް މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް ފޮޓޯ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިމަހު 16 ވަނަ ދުވަހުގެ 13:30 އެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް އެންސީއޭގެ ނަންބަރު 3336868 އަށް ގުޅުއްވުމަށް އެ ސެންޓަރުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ