މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ

މި މަޝްރޫއުގެ ދަށުން ކުރެހުންތައް ތައްޔާރުކުރުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާތައް ކުރުމަށް ޗައިނާގެ ފަންނީ ޓީމެއް މިހާރު އަންނަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް މިނިސްޓަރު މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވަނީ ބައްލަވާލައްވާފައެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ މަގުތައް ސާވޭ ކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި މަޝްރޫއު ކުރިއަށްދަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރެއިން އެއް ބަޔަކީ މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ޑިޒައިން ކުރުމުގެ މަސައްކަތެވެ. މި ޑިޒައިންތަކުގެ ތެރެއިން މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައާއި އެހެނިހެން ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ބޭނުންވާ ދިރާސާތައް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގެ މައި މަގުތަކުންނެވެ. އެގޮތުން އެއްމެ ފުރަތަމަ ހަދާނީ މަޖީދީމަގާއި، ޝަހީދު އަލީ ހިނގުމާއި، އައިޖީއެމްއެޗް ކުރިމަތީގައި އޮންނަ ކަނބާއައިސާ ރަނި ހިނގުމުގެ އިތުރުން ވިލިމާލޭގެ ހޮސްޕިޓަލް އަޅާ ސަރަހައްދުގެ މަގުތައް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ، މިހާރު މިދާ މަސައްކަތް ނިމި، މި އަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅު އަޅުގަނޑުމެނަށް އެންމެ މުހިންމުކޮށް މިއޮތް މަޖީދީމަގާއި ކަނބާއައިސާރަނި ހިނގުމާއި ވިލިމާލެ ހޮސްޕިޓަލް އަޅާއިރު އެ ތަނަށް ބޭނުންވާ މަގުތަކުގެ އަމަލީ މަސައްކަތް ފެށުން،" މުއްތަލިބު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ