އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހަދަން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތައް ލިބި އުންމީދު ބޮޑުވެފައި ވަނިކޮށް އެމެރިކާއިން އީރާނަށް އަލުން ހަމަލާ ދިނުމުން ސުވާލުތައް ގިނަވެއްޖެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ހޯމަ ދުވަހު އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ދެކުނު ސަރަހައްދުގައި ހުރި މިސައިލް ސައިޓްތަކަށާއި، ކަނޑުގެ ސަރަހައްދުގައި މައިނު އަޅަން އުޅުނު އުޅަނދުތަކަކަށް ހަމަލާދީފަ އެވެ.
އެމެރިކާއިން މި ހަމަލާތައް ދީފައިވަނީ، ފެބްރުއަރީ 28 އިން ފެށިގެން ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާއްވާ އެންމެ ފަހުގެ މަޝްވަރާތަކަށް އީރާނުގެ އިސް މަންދޫބުން ގަތަރުގެ ދޯހާއަށް ވަޑައިގަތް ވަގުތާ ދިމާކޮށެވެ. އަދި މި ހަމަލާތައް ދިން ވަގުތު އިޒްރޭލުން ވެސް ވަނީ ލުބުނާނުގެ ދެކުނުގައި، އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.
މި ހަމަލާތަކުގެ ސަބަބުން، މިހާރު އޮތް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ މެދު ސުވާލު އުފެދި އަދި ދާއިމީ އެއްބަސްވުމަކަށް ކުރާ އުންމީދު ފަނޑުވި ނަމަވެސް އީރާނާ އެކު އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ ޖައިޕޫރަށް ކުރައްވަމުންދާ ޒިޔާރަތެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރޫބިއޯ ވިދާޅުވީ، ގަތަރުގައި ބައެއް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެހެންވެ ކުރިއެރުމެއް ލިބޭތޯ ބައްލަވާނެ ކަމަށެވެ. އަދި އިބްތިދާއީ ލިޔުމުގައި ހިމަނާނެ ވަކިވަކި އިބާރާތްތަކާ ބެހޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، އެހެންވެ އަދި އެއްބަސްވުމެއް ގާއިމުވުމަށް މަދު ދުވަސްކޮޅެއް ނަގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް [ޑޮނަލްޑް ޓްރަމްޕު] ބޭނުންވަނީ އެއްބަސްވުމެއް ހަދަން. ރައީސް ނިންމަވާނީ ރަނގަޅު އެއްބަސްވުމެއް ގާއިމުކުރަން، އެހެން ނޫނީ އެއްވެސް އެއްބަސްވުމެއް ނުހަދަން،" ރޫބިއޯ ވިދާޅުވި އެވެ.
ރޫބިއޯ ނޫސްވެރިންނަށް ވިދާޅުވީ ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އޮންނަންޖެހޭނީ ހުޅުވާފައި ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް އެތަން އޮންނާނީ ހުޅުވިފައި، އެހެންވީމާ އެތަން ހުޅުވަންޖެހޭ. އެތަނުގައި އެ ހިނގަމުންދަނީ ޣައިރުގާނޫނީ ކަންތައްތަކެއް. އެއީ ބަލައިގަނެވޭނެ އަދި ދުނިޔެއިން އަޅާނުލައި ތިބެވޭނެ ކަންކަމެއް ނޫން،" ރޫބިއޯ ވިދާޅުވި އެވެ.
އެއްބަސްވުމެއްގެ އުންމީދު ބޮޑުވެފައި ވަނިކޮށް އީރާނަށް އެމެރިކާގެ ހަމަލާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ