ސުވާލެއް ނުކޮށް، ދޮގު ތުހުމަތެއްގައި ޝަމްއޫން ބެހެއްޓީ ސިޔާސީ ހައްޔަރެއްގައި: ވަކީލު

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިއުންތެރިޔާ ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލް)، 10 ދުވަސް ވަންދެން ޖަލުގައި ބެހެއްޓީ ސުވާލެއްކުރުމެއް ވެސް ނެތި، ދޮގު ތުހުމަތެއްގައި، ސިޔާސީ ހައްޔަރެއްގައި ކަމަށް އޭނާގެ ވަކީލު އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަމްއޫން ހައްޔަރުކުރީ، ޖަލަށް ހުކުމްކުރި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރަން ގޮވާލައި ނޫސްވެރިކަމުގެ ދިފާއުގައި، މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. އޭނާގެ ބަންދަށް ޖެހި 10 ދުވަހުގެ މުއްދަތު ހަމަވުމުން އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ. 
ބުނީ ކީކޭ؟ - ލޫކަސް އާއި އޭނާގެ ވަކީލު އިމްތިޔާޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖެހީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްވެސް ސުވާލެއްކޮށް ބަޔާން ނަގާފައި ވެސް ނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސުވާލެއް ކުރީ 10 ދުވަހުގެ ބަންދު ހަމަވެ ދޫކޮށްލަންވުމުން ކަމަށް ލޫކަސް ބުންޏެވެ.
"ލޫކަސް ޖަލީލު ހިފާ ހައްޔަރުކޮށްފައި 10 ދުވަހު ޖަލުގައި ބަންދުކޮށްފައި ވަނީ ސީދާ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް، ސީދާ ސިޔާސީ އެންގުންތަކުގެ އަލީގައި ސިޔާސީ އެންގުންތަކެއްގެ ގޮތަށް،" އިމްތިޔާޒު ވިދާޅުވި އެވެ.
"އަދި މުއްދަތު ޖަހާފައިވަނީ ވެސް މިދެންނެވި ގޮތަށް ކަމަށް ވާތީ މިކަންކަން އަޅުގަނޑުމެން ކުށްވެރިކުރަން. އަޅުގަނޑުމެން ދެން މިކަމާ ބެހޭ ގޮތުން އަމަލުކުރާނެ ގޮތްތަކާ މެދު އަޅުގަނޑުމެން އެބަ ވިސްނަމުން ގެންދަން." 
އިމްތިޔާޒް ވިދާޅުވި ގޮތުން:
ޝަމްއޫނަށް ތުހުމަތުކޮށް ބަންދު އަމުރުގައި ހިމަނާފައިވާ ތަފްސީލުގައި އޮންނަނީ ފުލުހުންގެ ގައިގައި އަތްލަައި މާރާމާރީ ހިންގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތު
އެކަމަކު ފުލުހުން ހައްޔަރުކުރި ސަބަބުގެ ތެރޭގައި ފުލުހުންގެ ގައިގައި އަތްލައި މާރާމާރީ ހިންގި ކަމަކަށް ނެތް. މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމަށް ފަހު ވެސް އެފަދަ ތުހުމަތެއް ފުލުހުން ނުކުރޭ
އެހެންވީމާ އެންމެ ސީރިއަސް ތުހުމަތު ކަމުގައިވާ ފުލުހެއްގެ ގައިގައި އަތްލައި މާރާމާރީ ހިންގި ކަމުގެ ތުހުމަތަކީ ހިނގި ކަމެއް ވެސް ނޫންކަމާއި ބޮޑު ބުހުތާނު ދޮގެއް ހަދައިގެން ދައުލަތުގެ ލިޔުންތަކުގައި ލިޔެފައިވާކަން ވަރަށް ރަނގަޅަށް ސާފުވޭ
މިކަންކަން ކޯޓުގައި ފާހަގަކުރުމުން ވެސް މުއްދަތު ޖެހި ފަނޑިޔާރު އެކަމަށް ބައްލަވާފައި ވެސް ނުވޭ
ސުވާލެއް ވެސް، ޝަރީއަތެއް ވެސް ނުކޮށް، 10 ދުވަހު ޖަލު ގޮޅީގައި ބޭއްވުމަކީ މީހަކަށް ދެވޭ އަދަބެއް
ޝަމްއޫން މީހެއްގެ ގައިގައި އަތްލިކަން ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ވެސް ނެތް. އަދި ފުލުހުން ވެސް އެކަން ކޯޓުގައި ފާހަގަކޮށްފައެއް ނުވޭ
ޝަމްއޫންގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްދޭން ފުލުހުން އެދިފައި ނުވާއިރު އަދި އެކަށީގެންވާ މިންވަރުގެ ހެކި ވެސް ނެތި އެ މުއްދަތު ބަންދަށް ޖެހީ ފަނޑިޔާރު އަމިއްލައަށް ފެނިގެން
ޝަމްއޫނަކީ މުޖުތަމައުއަށް ނުރައްކާ މީހެއް ކަމަށް ވެސް ނިންމެވީ ފުލުހުން އެގޮތަށް ކޯޓުގައި ފާހަގަކޮށްފައި ނުވަނީސް ފަނޑިޔާރު އަމިއްލައަށް
ބަންދުގައި ހުރި މުއްދަތުގައި ޝަމްއޫންއާ ބައްދަލުކުރަން ހުރަސް އަޅާފައިވޭ؛ ވަކީލެއްގެ ގޮތުގައި ޝަރީއަތަށް ގޮސް، ލިއުންތައް ހުށަހަޅާފައިވަނިކޮށް އޭނާގެ ވަކީލުކަން އެނގެން ނެތް ކަމަށް ބުނެ ބައްދަލުވާން ބައެއް ފަހަރު ހުރަސް އެޅި
"ސަރުކާރުގެ ވެރިން، ވުޒާރާތައް ހިންގާ ބޭފުޅުން ނުވަތަ ރައީސް އޮފީހުން އަންނަ ކޯލެއްގެ އަލީގައި ލިޔަން މަޖުބޫރުވުމުން އެ ލިޔެވޭ ތަކެތި ފަހުން ފެބްރިކޭޓުކޮށްގެން ކަމެއް ކުރަންވީމާ އޭގެ ހަގީގަތްތައް އޮންނާނީ އޮޅިފައި. އެއްތަނެއްކަށް ހަގީގަތާ ހިލާފަށް، އަނެއް ތަނެއްގައި އަނެއް ގޮތަކަށް، މި ގޮތްގޮތަށް ލިޔެފައި މިވަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސީދާ އަމުރު މައުރޫފު ހިންގައިގެން ތަހުގީގުކުރާ ފަރާތްތައް ލައްވައި މިކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ވެފައިއޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އިމްތިޔާޒް ވިދާޅުވި އެވެ.
ލޫކަސް ވެސް ބުނީ، ސީރިއަސް ތުހުމަތުތަކެއް ކުރިއިރު އެކަމާ ބެހޭ ގޮތުން އޭނާއާ ސުވާލުކުރީ ބަންދުން ދޫކޮށްލަން އޮތް ދުވަހު ކަމަށެވެ. ބަންދުގައި ހުރި ބޭބެއެއް މަރުވިއިރު، ޖަނާޒާއަށް ދިއުމުގެ ފުރުސަތު ވެސް ނުދޭ ކަމަށް އޭނާ ބުންޏެވެ. އަދި، ބައެއް ފަހަރު ބަންދުގައި ހުންނަ ތަން ބަދަލުކުރާއިރު އާއިލާ އާއި ވަކީލަށް ނުއަންގައި އެފަދަ ކަންކަން ކުރާކަން ވެސް ފާހަގަކުރެވޭ ކަމަށް އޭނާ ބުންޏެވެ.
ލޫކަސް ބުނީ މަސައްކަތްކުރީ ދޮގު ތުހުމަތެއްގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓަން ކަމަށެވެ. އޭނާގެ ކުށަކީ ސަރުކާރާ ދެކޮޅުވުން ކަމަށާއި އެއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކުށް ކަމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ޖަލުގައި ބަންދުކުރާ މީހުން ދޫކޮށްލަން ކޯޓުން އަމުރު ނެރުމުން ވެސް އެތައް އިރަކު ބަންދުގައި ބަހައްޓާކަމުގެ ކަންބޮޑުވުން މި ބައްދަލުވުމުގައި ފާޅުކުރި އެވެ. އެކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ސަމާލުކަމަށް ގެންނާނެ ކަމަށް ބުންޏެވެ.
"ޖަލަށް ލައިގެން ބިރުދައްކައިގެން، އޮބަހައްޓައިގެން، އަނދަގޮނޑި ޖަހައިގެން އަޅުގަނޑުމެން ހުއްޓުވިދާނެ ކަމަށް މި ވާހަކަ ދެއްކުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އަޅުގަނޑުމެން ނުތެދުވާނެ ކަމަށް ރައީސް [މުހައްމަދު] މުއިއްޒު ހީކުރައްވަންޏާ އެއީ ވަރަށް ބޮޑު ގޯހެއް. އަޅުގަނޑުމެން މި މަސައްކަތުގައި ދެމި ތިބޭނަން،" ލޫކަސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ