މި އަހަރު ހުރިހާ ކްލާހެއް އޭސީކުރާނަން ކަރަންޓު ދޭނީ އިޔާދަކުރަނި ހަކަތައިން: ރައީސް

އްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް މި އަހަރުގެ ތެރޭގައި އޭސީ ކުރެވި، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ސިލްސިލާ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ރަށްތަކަށް ކުރެއްވި ޒިޔާރަތްތަކުގައި ކިޔަވާ ކުދިންގެ ފަރާތުން އެންމެ ގިނައިން ފާހަގަކުރެވުނީ ކްލާސްރޫމްތަކުގެ ހޫނުގެ މައްސަލަ ކަމަށެވެ. އަދި ހޫނު މާހައުލެއްގައި އެކަށީގެންވާ ގޮތެއްގައި ތަޢުލީމު ހާސިލުކުރުމަށް ދަތިތަކެއް ހުންނާނެ ކަމަށް ފާހަގަކުރެއްވިއެވެ.
”މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު މައްސަލައެއް. އެހެންވީމާ މެނިފެސްޓޯގައި ސިޔާސަތެއްގެ ގޮތުގައި ހިމަނައިގެން ހުރިހާ ކްލާސްރޫމްތަކެއް އޭސީކުރުމަށް ނިންމާފައިވާނެ،“ ރައީސް ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި 3،700 އަށްވުރެ ގިނަ ކްލާސްރޫމް ހުރިއިރު، މިހާތަނަށް 800 ވަރަކަށް ކްލާސްރޫމްގައި އޭސީ ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިވަގުތު ހުރި ހުރިހާ ކްލާސްރޫމެއް އޭސީކޮށް ނިންމުމެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ސްކޫލުތަކުގެ ހޯލްތައްވެސް އޭސީކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ހޯލްތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނުނިމުމަކީ އެކަށީގެންވާ ކަމެކެވެ. ސްކޫލު ހޯލްތަކަކީ ހަމައެކަނި ސްކޫލުގެ ބޭނުމަށް އެކަނި ބޭނުންކުރާ ތަންތަން ނޫންކަމަށާއި، ރަށު ފެންވަރުގައި ބޮޑެތި އެއްވުންތަކާއި ހަރަކާތްތައް ބާއްވާ ތަންތަން ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ހަރުކުރެވޭ އޭސީތަކަށް ކަރަންޓު ފޯރުކޮށްދެވޭނީ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް މެދުވެރިކޮށް ކަމަށާއި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެއްވެސް މާލީ ހުރަހެއް ނެތްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ