މަރަދޫފޭދޫގައި ހިންގާ ޑްރަގް ކެފޭއެއް ކޯޓުން ބަންދުކޮށްފި

އައްޑޫ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް އެ ރަށު ކޯޓުން އިއްޔެ ބަންދުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ "އުއްމީދުގެ" ކޯޓުން ބަންދުކުރީ 90 ދުވަހަށް ކަމަށެވެ. އެއީ،  މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ފަދަ ތަނެއް ބަންދުކުރަން މަރަދޫފޭދޫ ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ވަދެނުކުތުމަކީ ގާނޫނީ ކުށެކެވެ. އަދި އެފަދަ ތަންތަނަށް ހުއްދަނެތި ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫގެ ކޯޓަކުން މި ފަހުން ވެސް ވަނީ މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން އަމުރުކޮށްފަ އެވެ. 
ހިތަދޫ ކޯޓުން މި މަހުގެ 8 ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ "ލާމިޔާގެއާގެ" ތިން މަސް ދުވަހަށް ބަންދުކޮށްފަ އެވެ. އަދި އެ އަމުރާ ހިލާފަށް އެ ގެއަށް ވަން މީހަކު ވެސް ހައްޔަރުކުރި އެވެ.
ހިތަދޫ ގެއެއް ބަންދުކުރަން އަމުރު ނެރުނުއިރު ޏ. ފުވައްމުލަކުގައި ވެސް މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ކެފޭއެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތު ކުރެވޭ ތަނެއް ވަނީ މިދިޔަ މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ. އެއީ އެ ރަށު ފުނާޑު އަވަށުގެ ގުލިސްތާނުގޭގައި ހުރި ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ