ގޫގުލް ޖެމިނައިގެ "ތިންކިން ލެވެލްތައް" ދޫކޮށްފި
ގޫގުލްގެ ޖެމިނައި އޭއައި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު ހޯދުމާއި ސުވާލުތަކަށް ޖަވާބުދިނުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، "ތިންކިން ލެވެލް" ތަކެއް އެންޑްރޮއިޑް، އައިއޯއެސް އަދި ބްރައުޒާ ބޭނުންކުރާ ފަރާތްތަކަށް ރޯލްއައުޓް ކުރަން ފަށައިފިއެވެ. މި އާ ފީޗާގެ ދަށުން، ޖެމިނައިގެ އެކި މޮޑެލްތަކަށް ބިނާކޮށް ޖުމްލަ ތިން ލެވެލްއެއް ފެންނަން ހުންނާނެ ކަމަށް ގޫގުލްގެ ޖެމިނައި އަދި އޭއައި ސްޓޫޑިއޯގެ ވީޕީ ޖޯޝް ވުޑްވާޑް ވަނީ ހާމަކުރައްވާފައެވެ. މި ބަދަލާއެކު ޖެމިނައިގައި ހިމަނާފައިވާ އާ "އެކްސްޓެންޑަޑް ތިންކިން" މޯޑަކީ އާދައިގެ ސުވާލުތަކަށްވުރެ ބޮޑަށް، އޮޅުންބޮޅުން ބޮޑު އަދި އުނދަގޫ މައްސަލަތައް ހައްލުކުރުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މޯޑެކެވެ. މި މޯޑު ބޭނުންކުރުމުން، ޖެމިނައި އޭއައި އިން ޖަވާބު ތައްޔާރުކުރުމަށް އާދައިގެ ވަގުތަށްވުރެ ކުޑަކޮށް އިތުރު ވަގުތު ނަގާނެ ނަމަވެސް، މީގެ ސަބަބުން ލިބޭ ޖަވާބުގެ ފެންވަރު ރަނގަޅުވެ، މައުލޫމާތުތައް ފުންކޮށް ދިރާސާކޮށްދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އާ ލެވެލްތައް މިހާރު ޖެމިނައި 3.1 ފްލޭޝް-ލައިޓް، ޖެމިނައި 3.5 ފްލޭޝް، އަދި ޖެމިނައި 3.1 ޕްރޯ މޮޑެލްތަކުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން "ޑީޕް ތިންކް" ގެ ނަމުގައި އެންމެ މަތީ ފެންވަރުގެ ވިސްނުމުގެ ގާބިލްކަން ލިބިގެންވާ ތިންވަނަ ލެވެލްއެއްވެސް ހިމެނޭއިރު، މި ލެވެލް މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ގޫގުލް އޭއައި އަލްޓްރާ އަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. https://x.com/joshwoodward/status/2062025667852812583 މި އާ ޚިދުމަތްތައް ފައިސާ ދައްކައިގެން ބޭނުންކުރާ މީހުންނަށާއި ހިލޭ ބޭނުންކުރާ މީހުންނަށްވެސް ދުނިޔޭގެ އެކި މާކެޓްތަކުގައި މިހާރު ދަނީ ލިބެމުންނެވެ. މި ބަދަލަކީ ފާއިތުވި ދުވަސްތަކުގައި ބޭއްވުނު ގޫގުލްގެ އަހަރީ ޑިވެލޮޕާ ކޮންފަރެންސް، ގޫގުލް އައި/އޯ 2026 ގައި އިއުލާންކުރި ޖެމިނައި 3.5 ސީރީޒްގެ އަޕްޑޭޓްތަކާ ގުޅިގެން ތައާރަފްކުރި ފީޗާއެކެވެ. އޭއައި ޓެކްނޮލޮޖީގެ ވާދަވެރިކަމުގައި އޯޕަންއޭއައި ފަދަ ކުންފުނިތަކުން ނެރެމުންދާ "ރީޒަނިންގް" މޮޑެލްތަކާ ވާދަކުރުމަށް ގޫގުލް އިން ދަނީ ޖެމިނައިގެ ވިސްނުމުގެ ގާބިލްކަން އިތުރުކުރަމުންނެވެ. މިގޮތުން ދާދިފަހުން ތައާރަފްކުރި ޖެމިނައި 3.5 ފްލެޝް މޮޑެލްއާއެކު ޔޫޒަރުންނަށް މިހާރު މި އާ ލެވެލްތައް ތަޖުރިބާކުރެވެން ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި މިހާރު ހުރި ޖެމިނައި 3.1 ޕްރޯ މޮޑެލްގެ ބަދަލުގައި ޖެމިނައި 3.5 ޕްރޯ މޮޑެލް ނެރުމަށްވެސް ގޫގުލް އިން ދަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ