އަބްދުﷲ ރަޝީދުގެ އޮޓޮޕްސީއެއް ހަދަން ބޭނުމެއް ނޫން، ބޭނުމީ ވީހާވެސް އަވަހަށް ވަޅުލަން: އާއިލާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކުއްލި ގޮތަކަށް ނިޔާވި، ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދު ރާއްޖެއިން ބޭރަށް ގެންގޮސް ޓެސްޓުތަކެއް ހަދައި ޕޯސްޓްމޯޓަމް ހެދުމަށް ބޭނުން ނުވާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ އޮޕަރޭޝަނެއްގެ ތެރެއިން ހޯޑެއްދޫން އިއްޔެ ތިން މީހަކު ހައްޔަރު ކުރިއިރު އަބްދުﷲ ރަޝީދު އޭގެ ތެރޭގައި ހިމެނެ އެވެ.
އުމުރުން 43 އަހަރުގެ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އަވަސް ތަހުގީގެއް ހިންގުމަށް މުވައްސަސާތަކަށް އާއްމުން ދަނީ ގޮވާލަމުންނެވެ. އަބްދުﷲ ރަޝީދު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކުއްލި ގޮތަކަށް އޭނާ މަރުވީ މެޔަށް ތަދެއް އަރައި އެކަމުގައި އެހީއަށް އެދުމުން ވެސް ފުލުހުން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާ ލޯންޗަށް އަރުވައިގެން ގެންދިޔަ ފަހުންނެވެ. ރަށުގެ ބައެއް މީހުންނާއި، މަންޒަރު ދުށް މީހުން ވަނީ ޑޮކްޓަރަށް ގެންގޮސް ދިނުމަށް އެދި އަބްދުﷲ ރަޝީދު ދިޔައީ އާދޭސް ކުރަމުންނެވެ. އަދި އެ މަންޒަރު އެވަގުތު ހޯނޑެއްދޫ ބަނދަރުގައި ތިބި ރައްޔިތުންނަށް ފެނިފައިވާކަމަށް އެމީހުން ބުނެފައިވެއެވެ.
މިއަދުގެ ފަތިހު މާލެ ގެނެސް އަބްދުﷲ ރަޝީދު މިވަގުތު އޮތީ ގަލޮޅު މޯޗަރީގައެވެ. އަދި އޭގެ ފަހުން އާއިލާއަށް އެއްވެސް މައުލޫމާތެއް ނުލިބޭކަމަށް އާއިލާގެ ފަރާތުން ”ސަންގު“ އާއި ވާހަކަ ދެއްކި މީހާ ބުންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަނާއި، އެހެން މުވައްސަސާތައް އައުމަށް ފަހު އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ފޮޓޯޓައް ނެގިކަމަށާއި ނަމަވެސް ހަށިގަނޑުގެ ބޭރުފުށުގައި އެއްވެސް އަނިޔާއެއް ނެތްކަމަށް އެ މީހުންނަށް ބުނެފައިވާނެކަމަށް އާއިލާއިން ބުންޏެވެ. އަދި އާއިލާގެ އެދުމަކީ ވީހާވެސް އަވަހަށް އަބްދުﷲ ރަޝީދު ވަޅުލެވޭނެ ގޮތެއް ހަމަޖެހުންކަމަށް ބުންޏެވެ.
މި މައްސަލައިގައި އެކި މީހުންނަށް ގުޅައި އެހީތެރިވެދިނުމަށް ވެސް އެދުނުކަމަށާއި އަބްދުﷲ ރަޝީދު ރާއްޖެއިން ބޭރަށް ގެންގޮސް އިތުރު އެއްވެސް ޓެސްޓުތަކެއް ހަދައި ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގެ އެއްވެސް މެމްބަރަކު ބޭނުން ނުވާކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
”އަޅުގަނޑުމެން ބޭނުން ވަނީ ވީހާވެސް އަވަހަށް ވަޅުލަން.. އެގޮތަށް އެދުނިން.. އެވާހަކަ ބުނެފައި އޮންނާނީ.. އެމީހުން ކައިރީ ބުނިން އެކަމެއް ނުކުރެވޭނޭ.. އާއިލާއިން ބޭނުމެއް ނޫނޭ“
އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ އަބްދުﷲ ރަޝީދަކީ ސިއްހީ އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށެވެ. ނަމަވެސް އޭގެ ކުރީ ރޭ އެއްކޮށް ހޭލައި އުޅުނީ ލަނޑާ މަސްވެރިކަމުގެ ތެރޭގައި ކަމަށެވެ. އެ މަސައްކަތް ކުރާތީ، ބޯޓު އަންނާތީ އެ މަސައްކަތުގައި އުޅުމަށް ފަހު، ނިދާފައި އޮއްވައި ކުއްލިއަކަށް ފުލުހުން އައި ކަމަށެވެ. އެހެންކަމުން ހާޓްއެޓޭކެއް ޖެހެން މެދުވެރިވީ ކުއްލިއަކަށް ލިބުނު ޝޮކެއްގެ ސަބަބުންކަމަށް ބެލެވޭކަމަށް އާއިލާއިން ބުންޏެވެ.
”ގެއަކުން އެއްވެސް އެއްޗެއް ނުފެނުނު… ކޯޓު އަމުރެއް ވެސް ނެތި ޗެކު ކުރީ..“
އާއިލާއިން ތަކުރާރުކޮށް ބުނީ އަބްދުﷲ ރަޝީދަކީ ފުލުހުން އެކުރާ ތުހުމަތުތަކާއި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ. އަދި ކޯޓު އަމުރަކާއި ނުލައި ފުލުހުން އެ ގެ ބަލާ ފާސް ކުރުމުން ވެސް އޭނާއާއި ދެކޮޅަށް ބޭނުން ކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ