އަނބިމީހާ ޚަރަދުކުރަން ފިރިމީހާ ދޭ ފައިސާއިން ޞަދަޤާތްކުރުން ހުއްދަވާ ޙާލަތާ ހުއްދަ ނުވާ ޙާލަތު!

އަނބިމީހާގެ ޚަރަދުތަކަށް (ގެއަށް ޚަރަދުކުރަން ނަމަވެސް) ފިރިމީހާ ދީފައި ހުންނަ ފައިސާއިން ނުވަތަ ގެއަށް ހޯދާފައި ހުންނަ ތަކެތިން ފިރިމީހާގެ ހުއްދަ ނެތި އަނބިމީހާ ޞަދަޤާތްކުރުމުގެ ޙުކުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.  
ހެޔޮލަފާ ފިރިން އެކަމަކަށް އިންކާރެއް ނުކުރާނެއެވެ. ސަބަބަކީ އަނބިމީހާ ޞަދަޤާތްކުރާނީ އޭނާގެ (ގޭގެ) ބޭނުންތައް ފުއްދާފައި އިތުރުވާނަމައެވެ. އެއީ ފައިސާ ނަމަވެސް އަދި ތަކެތި ކަމަށްވީނަމަވެސް އެއީ ފިރިމީހާގެ އެއްޗެތި ކަމަށްވުމުން ފިރިމީހާއަށްވެސް ޘަވާބު ދެއްވަވާނެތީއެވެ. އަދި އެކަމުގެ ސަބަބުން ދެމަފިރިންގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތީއެވެ. އިން ޝާ ﷲ  
ތިރީގައިވާ ލިޔުމުން ކަމުގެ ޙުކުމް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ   
ފިރިމީހާގެ ފައިސާއިން އަނބިމީހާ ޞަދަޤާތްކުރުމަކީ އެއީ އޭނާއަށް ފިރިމީހާ އެކަމުގެ އިޛުނަ ދީފައިވާނަމަ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނުވަތަ ޞަރީޙަ ބަހުން އިޛުނަ ނުދިން ކަމުގައިވިޔަސް ފިރިމީހާގެ އަޚްލާޤުންނާއި، ފިރިމީހާގެ ޙާލަތުން، ފިރިމީހާ އެކަމަށް ރުހޭކަން އަނބިމީހާއަށް އެނގޭނަމަ ފިރިމީހާގެ އިޛުނައާ ނުލައިވެސް ޞަދަޤާތްކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެކަމަކު ފިރިމީހާ އަނބިމީހާއަށް، ފިރިމީހާގެ ފައިސާއިން
ޞަދަޤާތްކުރުން މަނާކޮށްފައިވާނަމަ، ނުވަތަ ފިރިމިހާ އެކަމާ ނުރުހޭކަން އަނބިމީހާއަށް އެނގޭނަމަ، ފިރިމީހާގެ ފައިސާއިން ޞަދަޤާތްކުރުމަކީ އަނބިމީހާއަށް ހުއްދަކަމެއް ނޫނެވެ.
ފިރިމީހާގެ އިޛުނަ ނެތި، ނުވަތަ ފިރިމީހާއަށް ނޭނގި އަނބިމީހާ ފިރިމީހާގެ މުދަލުން ޞަދަޤާތް ކުރުމާ މެދު ދެ ރައުޔެއް ވެއެވެ.
ފުރަތަމައީ، އެއީ ހުއްދަކަމެއް ކަމުގައި ބުނެވޭ ބަސްފުޅެވެ. ދަލީލަކީ، ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާ ވެފައިވާ މި ޙަދީޘެވެ.  
إِذَا أَنْفَقَتِ الْمَرْأَةُ مِنْ بَيْتِ زَوْجِهَا غَيْرَ مُفْسِدَةٍ كَانَ لَهَا أَجْرُهَا وَلَهُ مِثْلُهُ بِمَا اكْتَسَبَ وَلَهَا بِمَا أَنْفَقَتْ وَلِلْخَازِنِ مِثْلُ ذَلِكَ مِنْ غَيْرِ أَنْ يَنْتَقِصَ مِنْ أُجُورِهِمْ شَيْئًا ) {رواه مسلم} .
މާނައީ: "އަންބަކު އޭނާގެ ފިރިމީހާގެ ގެއިން، ފަސާދަ (ގެއްލުން، ހަލާކު) ނުވާ ގޮތަށް (ޞަދަޤާތުގެ ގޮތުގައި) ހޭދައެއް ކޮށްފިނަމަ، އެކަނބުލޭގެއަށް އެކަމުގެ ސަވާބު ލިބޭނެއެވެ. އަދި ފިރިމީހާއަށްވެސް ފިރިމީހާ އެތަކެތި ހޯދިކަމަށްޓަކައި (ފިރިމީހާ ޞަދަޤާތް ނުކުރިޔަސް)، ހަމަ އެކަނބުލޭގެއަށް ލިބުނު ވަރުގެ ސަވާބު ލިބޭނެއެވެ. އަދި އެކަނބުލޭގެއަށް ވަނީ އެކަނބުލޭގެ ހޭދަކުރި އެއްޗެއްގެ ސަވާބެވެ. އަދި މުދާ (ފައިސާ) ރައްކާކޮށްދޭ ބަލަހައްޓައިދޭ މީހާއަށްވެސް ހަމަ އެވަރުގެ ސަވާބު ލިބޭނެއެވެ. އެއީ އެބައިމީހުންގެ ސަވާބުން އެއްޗެސް އެއްޗެއް އުނިވުމާ ނުލައެވެ." މި ޙަދީޘްގައި އިޛުނައިގެ ވާހަކަ ޛިކުރު ކުރައްވާފައެއް ނުވެއެވެ.
عَنْ أَسْمَاءَ أَنَّهَا جَاءَتْ النَّبِيَّ صلى الله عليه وسلم فَقَالَتْ : يَا رَسُولَ اللَّهِ لَيْسَ لِي شَيْءٌ إلا مَا أَدْخَلَ عَلَيَّ الزُّبَيْرُ , فَهَلْ عَلَيَّ جُنَاحٌ أَنْ أَرْضَخَ مِمَّا يُدْخِلُ عَلَيَّ ؟ فَقَالَ : ( ارْضَخِي مَا اسْتطَعْتِ ) والرضخ هو العطاء . وفي رواية للبخاري : قال : (تَصَدَّقِي) . {مُتَّفَقٌ عَلَيْهِمَا }
އަސްމާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވަޑައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ޒުބައިރު ދޭ އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް އަހުރެންނަކަށް ނުލިބެއެވެ. އަހުރެންނަށް އޭނާގެ ފަރާތުން އެ ލިބޭ އެއްޗަކުން (މީސްތަކުންނަށް) ދިނުމުގައި އަހުރެންގެ މައްޗަށް ފާފައެއް އެބައޮތް ހެއްޔެވެ؟" ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިބާއަށް ކުޅަދާންވެގެންވީ މިންވަރަކުން ދޭށެވެ!" 
ބުޚާރީގެ ރިވާޔަތުގައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިބާ ޞަދަޤާތް ކުރާށެވެ."
އެހެނީ ޢާއްމުގޮތެއްގައި މިކަން އޮންނަ ގޮތަކީ، އަނބިމީހާ އެފަދަ ގޮތަކަށް ޞަދަޤާތްކުރުމަކީ ފިރިމީހާގެ އެއްވެސް މައްސަލައެއް އެކަމުގައި އޮންނާނޭ ކަމެއް ނޫނެވެ. އަދި ފިރިމީހާ އެކަމާ ހިތް ހަމަޖެހޭނެ ކަމެއްވެސް މެއެވެ. އެ ހިތް ހަމަޖެހުމުގެ މާނައަކީ އިޛުނައެވެ. އަދި މި ޙަދީޘްގައި އެކަލޭގެފާނު، ޒުބައިރުގެ ފައިސާއިން ޞަދަޤާތް ނުކުރުމަށް އެކަމަނާއަށް ނާންގަވައެވެ. މަނާ ނުކުރައްވައެވެ. މަނާ ކުރެއްވިނަމަ “ކަމަނާ އެއިން ޞަދަޤާތް ނުކުރައްވާށޭ!” ޙަދީޘްކުރެއްވީހެވެ. 
މި ކަމާ ބެހޭގޮތުން އޮތް ދެވަނަ ރައުޔަކީ، އެގޮތަށް ފިރިމީހާގެ ފައިސާއިން އޭނާއަށް ނޭނގި ޞަދަޤާތް ނުކުރެވޭނެ ކަމަށް، އެކަން ހުއްދަނުވާނެ ކަމަށް ބުނެވޭ ބަސްފުޅެވެ. މި ރައުޔުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.
عن أَبي أُمَامَةَ رضي الله عنه قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( لا تُنْفِقُ الْمَرْأَةُ شَيْئًا مِنْ بَيْتِهَا إِلا بِإِذْنِ زَوْجِهَا . فَقِيلَ : يَا رَسُولَ اللَّهِ ، وَلا الطَّعَامَ ؟ قَالَ : ذَاكَ أَفْضَلُ أَمْوَالِنَا ) . رواه أبو داود (3565) وصححه الألباني في صحيح أبي داود . އަބޫ އުމާމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. ” އަންބަކު އޭނާގެ ގެއިން އެއްވެސް އެއްޗެއް ފިރިމީހާގެ އިޛުނައާ ނުލައި ހޭދަނުކުރާހުށިކަމެވެ.” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރެވުނެވެ. “ކާއެއްޗެހިވެސް ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ.  
"އެއީ އަހަރެމެންގެ އެންމެ މުހިއްމު މުދަލެވެ."
މި ޙަދީޘްގައި އެވަނީ ފިރިމީހާގެ އިޛުނަ ހޯދުމަށް އަންގަވާފައެވެ. މި މައްސަލާގައި ރާޖިޙުގޮތް (އެންމެ ޞައްޙަ ގޮތް) އަޞްލަކީ އަންހެނާ އޭނާގެ ފިރިމީހާގެ އިޛުނަ ނެތި ފިރިމީހާގެ ފައިސާއިން، އެ ފައިސާ ޚަރަދު ކުރުމަށްޓަކައި ދޭ މަޤްޞަދު ނޫން މަޤްޞަދު ތަކަށް ހޭދަ ނުކުރުމެވެ. އެކަމަކު، އަވަށްޓެރީންނަށް ކާއެތިކޮޅު ފޯރުކޮށްދިނުން، ސަލާންޖަހާ މީހަކަށް ފައިސާކޮޅެއް ދިނުން، ޙާޖަތަށް ޖެހިފައިވާ މީހަކަށް ޞަދަޤާތެއް ކުރުން ފަދަ ކުދި ކުދި ހޭދަތައް ފިރިމީހާގެ އިޛުނައާ ނުލައި ކުރުމަކީ އެކަމުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ފިރިމީހާއަކީ ލިބޭ މީހެއްނަމަ، އަނބިމީހާގެ ބޭނުންތައް ފުއްދުމަށްޓަކައިދޭ ފައިސާއިން، އިޤްތިޞާދުކޮށް، ބާކީ ކޮށް އެ ފައިސާއިން ޞަދަޤާތްކުރުމަކީވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ. އޭގެ އަޖުރުވެސް އެދެމީހުންނަށް ލިބިގެން ދާނެއެވެ. ވަﷲ އަޢުލަމް.
މި ޙަދީޘްގައި އެވަނީ ފިރިމީހާގެ އިޛުނަ ހޯދުމަށް އަންގަވާފައެވެ. މި މައްސަލާގައި ރާޖިޙުގޮތް (އެންމެ ޞައްޙަ ގޮތް) އަޞްލަކީ އަންހެނާ އޭނާގެ ފިރިމީހާގެ އިޛުނަ ނެތި ފިރިމީހާގެ ފައިސާއިން، އެ ފައިސާ ޚަރަދު ކުރުމަށްޓަކައި ދޭ މަޤްޞަދު ނޫން މަޤްޞަދު ތަކަށް ހޭދަ ނުކުރުމެވެ. އެކަމަކު، އަވަށްޓެރީންނަށް ކާއެތިކޮޅު ފޯރުކޮށްދިނުން، ސަލާންޖަހާ މީހަކަށް ފައިސާކޮޅެއް ދިނުން، ޙާޖަތަށް ޖެހިފައިވާ މީހަކަށް ޞަދަޤާތެއް ކުރުން ފަދަ ކުދި ކުދި ހޭދަތައް ފިރިމީހާގެ އިޛުނައާ ނުލައި ކުރުމަކީ އެކަމުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ފިރިމީހާއަކީ ލިބޭ މީހެއްނަމަ، އަނބިމީހާގެ ބޭނުންތައް ފުއްދުމަށްޓަކައިދޭ ފައިސާއިން، އިޤްތިޞާދުކޮށް، ބާކީ ކޮށް އެ ފައިސާއިން ޞަދަޤާތްކުރުމަކީވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ. އޭގެ އަޖުރުވެސް އެދެމީހުންނަށް ލިބިގެން ދާނެއެވެ. ވަﷲ އަޢުލަމް.
 
- ޝައިޚް މުޙައްމަދު ޝާފިޢު
 
މަރްޖިޢުތައް “المغني” ( 4 / 301 ) : “فتاوى اللجنة الدائمة” (10/81). https://islamqa.info/ar/answers/96516
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ