ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން 40 ގައުމަކުން އަސްކަރީ މަޝްވަރާފަށަނީ

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން 40 ގައުމަކުން އަސްކަރީ މަޝްވަރާއެއް ފެށުމަށް ނިންމައިފިއެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ ތެރެއިން މެދުކެނޑިފައިވާ ވިޔަފާރި މުދާ އުފުލުމުގެ މަގުތައް އަލުން ހުޅުވައި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ އަސްކަރީ ޕްލޭންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް 40 ގައުމެއްގެ މެދުގައި ބާއްވާ މުހިންމު ބައްދަލުވުމެއް މާދަމާ ބޭއްވުމަށް އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން މިހާރު ވަނީ ތައްޔާރުވެފައެވެ.
މި ބައްދަލުވުމުގެ ރިޔާސަތު އިނގިރޭސި ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ އާއި ފްރާންސްގެ ޑިފެންސް މިނިސްޓަރު ކެތަރިން ވަޓްރިން ބަލަހައްޓަވާ އިރު، މިއީ ހަމައެކަނި މަޝްވަރާކުރުމުގެ ބަދަލުގައި އަމަލީ ގޮތުން ފިޔަވަޅު އެޅުމަށް ގައުމުތައް ތައްޔާރުވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ޖޯން ހީލީ ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރަހައްދުގެ ހަމަޖެހުން ގެއްލި، ވިޔަފާރި މުދާ އުފުލުމަށް ހުރަސްއެޅުމުގެ ސަބަބުން އިނގިރޭސި އާއިލާތަކަށާއި ވިޔަފާރިތަކަށް ތަކެތީގެ އަގު ބޮޑުވަމުންދާ އިރު، ސަރުކާރުން އެކަމަށް ބަލަން ނޯންނާނެ ކަމަށެވެ.
މި މިޝަންއަށް ބޭނުންވާ ތައްޔާރީތައް ފެށުމުގެ ގޮތުން އިނގިރޭސިވިލާތުގެ ”އެޗް.އެމް.އެސް ޑްރެގަން“ މަނަވަރު މިހާރު ވަނީ މެދުއިރުމައްޗަށް ދަތުރުކުރުމަށް އަމުރުކޮށްފައެވެ. މި މަނަވަރު ހަރަކާތްތެރިވާނީ އެމެރިކާ-އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުން، ބައިނަލްއަގުވާމީ ގުޅިފައިވާ ލަޝްކަރެއްގެ ދަށުންނެވެ.
ނަމަވެސް މި ހަރަކާތްތަކާ ގުޅިގެން އީރާނުން ވަނީ ކަނޑުއޮޅި ހުޅުވުމުގެ ނަމުގައި އިނގިރޭސިވިލާތާއި ފްރާންސްގެ މަނަވަރުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވާނަމަ، އެ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރެއް ދީފައެވެ. އީރާނުގެ މި އިންޒާރާއެކު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ފްރާންސްގެ ވިސްނުން ހުރީ އަސްކަރީ ކުރިމަތިލުމަކަށް ނޫންކަން ސާފުކޮށްދެއްވައިފައެވެ.
މެކްރޮން ވިދާޅުވީ ފްރާންސުން މަނަވަރުތައް ފޮނުވުމަށް ދުވަހަކުވެސް ގަސްދުކޮށްފައި ނުވާ ކަމަށާއި، އޭގެ ބަދަލުގައި ބޭނުންވަނީ އީރާނާ ގުޅިގެން ވިލަރެސްކުރެވިފައިވާ ސަލާމަތީ މިޝަންއެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ