ރާއްޖޭގެ ގައުމީ ފިރިހެން ނެޓްބޯޅަ ޓީމު ތާރީހީ މުބާރާތަކަށް ރާއްޖޭގެ ގައުމީ ފިރިހެން ނެޓްބޯޅަ ޓީމު ތާރީހީ މުބާރާތަކަށް

ޗައިނާގައި މި މަހު ކުރިއަށްދާ އޭޝިއާ ލެވަލްގެ މުބާރާތެއްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފިިރިހެން ނެޓްބޯޅަ ޓީމުން އެ ގައުމަށް ގޮސްފި އެވެ.
މިއީ، ގައުމީ ފިރިހެން ނެޓްބޯޅަ ޓީމެއް މި ގޮތަށް ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރުމަށް ފަހު މުބާރާތަކަށް ދާ ފުރަތަމަ ފަަހަރެވެ. އެހެންކަމުން، މިއީ، ރާއްޖޭގެ ފިރިހެން ނެޓްބޯޅަ އަށް ތާރީހީ ފެށުމެކެވެ.
ގައުމީ ފިރިހެން ނެޓްބޯޅަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް ފަށައި، ތިން މަހެއްހާ ދުވަހު ފަރިތަކުރުމުގެ ކަންކަން ކުރިއަށްގެންދިޔައީ މި މަހުގެ 3-13 އަށް އިންޑިއާގައި ކުރިއަށްގެންދާ ގޮތަށް މަސައްކަތްކުރި އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށެވެ. އެކަމަކު، ފަހު ވަގުތު ދިމާވި ކަންތައްތަކެއްގެ ސަބަބުން، އެ މުބާރާތް ކެންސަލްވުމާ އެކު، ހޮން ކޮންގުން އިސްނަގައިގެން، ޗައިނާގައި ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމި އެވެ.
އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ، ހޮން ކޮންގާއި ޖަޕާނާއި މެލޭޝިއާ އެވެ. މުބާރާތް އޮތީ މި މަހު 5-8 އަށެވެ.
ގައުމީ ފިރިހެން ނެޓްބޯޅަ ޓީމުގެ ކޯޗު، އީމާ އަބްދުއްސަތާރު، "ޕީއެސްއެމް ސްޕޯޓްސް" އަށް ބުނެފައިވަނީ، ފުރަތަމަ މުބާރާތް ކަމަށްވާތީވެ، އިދިކޮޅު ޓީމުތަކުގެ ފެންވަރާ މެދު ސީދާ އެއްޗެއް ބުނަން ދަތި ކަމަށެވެ. އެ ގޮތުން، މުބާރާތުގެ މެޗުތައް ފެށިގެން ދިއުމާ އެކު، މެޗުތައް ބަލައިގެން، އިދިކޮޅު ޓީމުތަކުގެ ފެންވަރު ދެނެގަނެވޭނެ ކަމަށާއި މުބާރާތުން މެޑައްޔެއް ހޯދުމުގެ އަމާޒުގައި ކުރިއަށްދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އީމާ ވަނީ ބުނެފަ އެވެ.
މުބާރާތް ކުރިއަށްދަނީ އިންޑޯގައި ކަމަށްވެފައި، މާލޭގައި ޕްރެކްޓިސް ކުރަން ޖެހުނީ އައުޓްޑޯގައި ކަމަށްވާތީވެ، އެއީ، ޗައިނާގައި މި ވަގުތު މޫސުން އޮތްގޮތުންނާ އެކު ދިމާވާނެ ގޮންޖެހުމެއް ކަމަށް ނެޓްބޯޅަ ޓީމުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ