ވޯލްޑް ކަޕް: އެމެރިކާގައި ފާހާނާއެއް ނެތް!

އެމެރިކާގައި އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރަން ހުރި އާއްމު ފާހާނާތައް މަދުވުމުގެ މައްސަލަ ބޮޑުވެއްޖެ އެވެ.
މުބާރާތުގެ އިންތިޒާމްތައް ދިރާސާ ކުރަމުން އަންނަ އެމެރިކާގެ ނޫސްވެރިން ބުނަނީ ނިއުޔޯކްގައި ހުރީ ކޮންމެ 8500 މީހަކަށް އެންމެ އެންމެ ފާހާނާ އެއް ކަމަށެވެ. މިއީ 8.5 މިލިއަން މީހުން ދިރިއުޅޭ ސިޓީ އަށް ވޯލްޑް ކަޕާ ދިމާކޮށް އެއް މިލިއަން މީހުން ޒިރާޔަތް ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު އެއްގޮތަކަށް ވެސް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. މިހެންވެ އާއްމު ފާހާނާތައް ވަރަށް ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ މިހާރު ވެސް މިތަންތަނުގެ ޑިމާންޑް ބޮޑުވެ، ބޭނުން ކުރާ މީހުން ދިގު ކިޔޫތަކެއްގައި ތިބޭތީ ކަމަށެވެ.
އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯ ބައިވެރިވެގެން ބާއްވާ ވޯލްޑް ކަޕުގެ އެންމެ މުހިންމު ޝަރަހަރަކީ ނިއުޔޯކެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިތަނުގައިވާ މެޓް ލައިފް ސްޓޭޑިއަމުގަ އެވެ. ފައިނަލްގެ އިތުރުން އެހެން ހަތް މެޗެއް ވެސް މި ދަނޑުގައި ކުޅޭނެ އެވެ. އަދި މުޅި މުބާރާތުގައި ކުޅޭ 104 މެޗުގެ ތެރެއިން 60 މެޗު ކުޅޭނީ ވެސް އެމެރިކާގަ އެވެ.
މިހެންވެ ތަޖުރިބާކާރުން ބުނަނީ އަންދާޒާ ކުރާ ވަރަށް ވުރެ ގިނަ މީހުން ވެސް ނިއުޔޯކަށް ޖަމާވުން އެކަށީގެންވާ ކަމަށެވެ. މިހެންވެ އާއްމު ފާހާނާތަކާއި ކާބޯތަކެތި ވިއްކާ ތަންތަނާއި އެނޫން ވެސް އަސާސީ ހިދުމަތްތައް ވަރަށް ބޮޑަށް އިތުރު ކުރަން ޖެހޭނެ ކަމަށެވެ.
އެމެރިކާއިން ލަފާ ކޮށްފައިވަނީ ވޯލްޑް ކަޕުގައި އެންމެ ބާރު ބޮޑުވާނީ ނިއުޔޯކާއި ނިއު ޖާޒީގައި ކަމަށެވެ.
ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕުގެ އިންތިޒާމްތަކުގެ އެންމެ ފަހުގެ މަރުހަލާތައް ކުރިއަށްދާއިރު މީޑިއާތަކުން ބުނަނީ ތައްޔާރީތަކުގައި އެމެރިކާ ފަހަތުގައި އުޅޭ ކަމަށެވެ. އަދި ފާހާނާތަކުގެ މައްސަލަ ކުރިމަތިވުމުން ކަމާ ބެހޭ ފަރާތްތަކުން މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ހަރަކާތްތައް ހަލުވި ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ