ޑޭވިޑް ފިލްމު ޑައިރެކްޓްކުރުން ހުއްޓާލާނެކަމުގެ އިޝާރާތެއް
ކާމިޔާބު ރީތި ފިލްމުތަކެއް ބޮޑު ސްކްރީނަށް ގެނެސްދީފައިވާ އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަން ފިލްމު އުފެއްދުމުގެ މަސައްކަތުން ރިޓަޔަވާން ނިންމާފައިވާކަމުގެ އިޝާރާތެއް ދީފިއެވެ. ޑޭވިޑް އެންމެ ފަހުން ޑައިރެކްޓްކޮށް އަންނަ މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޕްރޮމޯޝަންގެ ތެރެއިން އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ)އަށް ދިން އިންޓަވިއުއެއްގައި ޑޭވިޑް ބުނީ، އެ ފިލްމަކީ އޭނާގެ ކެރިއަރުގެ އެންމެފަހު ޑައިރެކްޝަނަށް ވެދާނެ ކަމަށެވެ. "އަހަންނަށް ހިއެއްނުވޭ އަހަރެން ދެން އިތުރަށް ފިލްމީ މަސައްކަތް ކުރާނެހެނެއް. މި ފިލްމަކީ މިއީ އަހަރެން ޑައިރެކްޓްކުރާ އެންމެ ފަހު ފިލްމަށް ވެދާނެ. އޭގެ ފަހުން ގިނަ ބަޔަކު އަހަރެން ދަންނާނީ ހަމައެކަނި ވަރުންގެ ބައްޕަގެ ގޮތުގައި," ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަންގެ ބައްޕަ ޑޭވިޑް ބުނެފައިވެއެވެ. ޑޭވިޑް ދަވަން ދަރިފުޅު/އެކްޓަރު ވަރުން ދަވަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ޑޭވިޑް އިތުރަށް ކިޔައިދިން ގޮތުގައި، ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ މަސައްކަތް ކުރިއަށްދިޔައިރު ވެސް އޭނާގެ ސިއްހީ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. ފިލްމު ޝޫޓިން ތެރޭގައި ވެސް ޑޮކްޓަރުންނަށް ގުޅައިގެން ފަރުވާ ހޯދަން ޖެހުނު ކަމަށާއި އެ ހުރިހާ ކަމެއް އެންމެ ގާތުން ބެލެހެއްޓީ ދަރިފުޅު ވަރުން ކަމަށް ޑޭވިޑް ވަނީ ބުނެފައެވެ. މި އަންނަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ލީޑް ތަރިންގެ ތެރޭ ވަރުންގެ އިތުރުން ބަތަލާ މްރޫނާލް ތާކުރު އަދި ޕޫޖާ ހޭގްޅޭ ވެސް ހިމެނެއެވެ. ޑޭވިޑްގެ ދިގު ފިލްމީ ކެރިއަރުގައި ބެލުންތެރިންނަށް ގެނެސްދިން މަގުބޫލު ރީތި ފިލްމުތަކުގެ ތެރޭ، "އާންކޭ"، "ކޫލީ ނަންބަރު 1"، "ހީރޯ ނަންބަރު 1"، "ބީވީ ނަންބަރު 1"، "ޕާޓްނާ"، "މުޖްސެ ޝާދީ ކަރޯގީ"، "ޖުޅްވާ"، "ރާޖާ ބާބޫ" އަދި "ޝޯލާ އޯރް ޝަބްނަމް" ފަދަ ފިލްމުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ