މޯލްޑިވިއަންއާއި ސްރީލަންކަން އެއާލައިންސާ ދެމެދު ދަތުރުފަތުރުގެ އެއްބަސްވުމެއް

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސާ ދެމެދު މުހިންމު ޕާޓްނާޝިޕް އެއްބަސްވުމެއް ހަދައިފި އެވެ. މިއީ، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކާ ދެމެދު އޮންނަ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ އެއާލައިންގެ ވިއުގަ ބޭނުން ކުރާ ފަސިންޖަރުންނަށް މަންޒިލްތަކަށް ދަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި ޤާއިމުކުރި ގުޅުމެކެވެ. މި އާ އެއްބަސްވުމުގެ ދަށުން، ސްރީ ލަންކަން އެއާލައިންސްގެ ބައިނަލްއަޤުވާމީ ވިއުގަ މެދުވެރިކޮށް ދަތުރު ކުރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް، މާލެއިން ބޭރުގައިވާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރު ކުރުމުގެ ފުރުޞަތު މޯލްޑިވިއަން އިން ފޯރުކޮށް ދޭނެ އެވެ. އަދި ދުނިޔޭގެ މުހިންމު ބާޒާރުތަކުން ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަކަށް ކޮލަމްބޯ މެދުވެރިކޮށް ފަސޭހަކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހި، ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ދަތުރު ކުރާ ފަރާތްތަކަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެން ދާނެ އެވެ.އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މޯލްޑިވިއަންގެ ފަސިންޖަރުންނަށް ވެސް ކޮލަމްބޯ މެދުވެރިކޮށް ބައިނަލްއަޤުވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ލުއިފަސޭހަކަމާއި އިތުރު އިޚްތިޔާރުތައް މި ފާޓްނަޝިޕްގެ ސަބަބުން ލިބިގެން ދާނެ އެވެ.މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ޕާޓްނާޝިޕަކީ ރާއްޖޭގެ އެކި ރަށްރަށަށް ނުވަތަ ޑޮމެސްޓިކް އެއާޕޯޓުތަކަށް އޮންނަ ކަނެކްޓިވިޓީ ވަރުގަދަކޮށް، ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ."ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ނެޓްވޯކާއި އަޅުގަނޑުމެންގެ ޑޮމެސްޓިކް ދަތުރުތައް ގުޅާލުމުން، ޓޫރިޒަމް ކުރިއެރުވުމަށާއި ދިވެހިން ބޭރަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ. މި އެއްބަސްވުމަކީ ސަރަހައްދީ ގުޅުން ބަދަހިކޮށް، ދެ އެއާލައިންގެ ހިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ވިޔަފާރި އާއި ޓޫރިޒަމަށް އާ ދިރުމެއް ގެނުވާނެ ކަމެއް ކަމަށާއި މީގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސޭހައިން އާދެވޭނެ މަންޒިލަކަށް ވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ