ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިހުސާން މިހެން ވިދާޅުވީ، ބުލީގެ ޝިކާރައަކަށްވާ ބައެއް މީހުން އަމިއްލައަށް މަރުވާ މައްސަލަތައް ގިނަވަމުންދާތީ، އެފަދަ މައްސަލަތައް ހުއްޓުވުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތްތަކީ ކޮބައިތޯ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެެވެ.
ބުނީ ކީކޭ؟ - އިހުސާން ވިދާޅުވީ، ބުލީގެ ޝިކާރައަކަށްވެ، މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަންކަން ގޮސްފައިވާ ކަމަށެވެ.
އެފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅު އެޅޭ ނަމަ، ހަރުކަށި ޖިނާއީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އަދި އެކަމުގެ މަޝްވަރާތައް ބަންޑާރަނައިބުގެ އޮފީހާއެކު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކިން ހާއްސަކޮށް ބުލީގެ ކަންކަން ސްކޫލުތަކުގައާ އަދި މުޖުތަމައުތެރޭގައި ކުރަމުންދާތީ މިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ، ހާއްސަކޮށް ޖިނާއީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު ދަނީ އެޓާނީ ޖެނަރަލް އޮފީހާ އެކު މަސައްކަތްތަކެއް ކުރަމުން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، ގާނޫނީ ގޮތުން އެކަމަށް ހޯދަންޖެހޭ ހައްލެއް ހޯދާނެ ކަމަށާއި އެކަމަށްޓަކައި ގާނޫނުތައް ބަދަލުކުރަންޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
ގުޅުންހުރި ކަމެއް - ބުލީގެ ޝިކާރައަކަށްވީ 18 އަހަރުގެ ކުއްޖަކު މިދިޔަ ހޯމަ ދުވަހު، އޭނާ ކިޔަވަމުންދިޔަ ދަނާލުގެ ކޮޓަރިތެރޭ މަރުވެފައި ހުއްޓާ ފެނުނު މައްސަލާގައި އާންމުން ދަނީ އެފަދަ ކަންކަމުގައި ދުރާލާ ފިޔަވަޅު އެޅުމަށާއި ބުލީކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ވެސް ގޮވާލަމުންނެވެ.
ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދަން މަޝްވަރާ އެބަކުރަން: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ