ފަތުރުވެރިންނަށް ދޫކުރާ ޓޫރިސްޓް ވިސާ މުއްދަތު ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަދައިފިއެވެ. މިހާރު ގެނެވުނު ބަދަލާއެކު 48 ގަޑިއިރު ތެރޭ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭނެއެވެ.
ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއަކަށްވެސް، އޮން އެރައިވަލް 30 ދުވަހުގެ ވިސާ ލިބެއެވެ. ވިސާގެ މުއްދަތު އިތުރުކުރުމުގެ މަރުހަލާއަށް ލުއިދޭން ނިންމާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ރާއްޖެ އަންނަ ފްލައިޓްތައް ކެންސަލްވެ، ބައެއް ފަހަރު ފަތުރުވެރިން އިތުރު ދުވަސްތަކަކަށް ރާއްޖޭގައި މަޑުކުރަންޖެހޭ ހާލަތު މެދުވެރިވަމުން ދިއުމާއި ގުޅިގެންނެވެ. އަދި މި އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން އެދެމުން ދިޔަކަން ސަރުކާރުން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވީ އެ ވުޒާރާ އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން މިހާރު ލުއިފަސޭހަކޮށް އިމުގަ ޕޯޓަލް މެދުވެރިކޮށް ވިސާ މުއްދަތު އިތުރުކުރެވޭ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ ކުރިން ވިސާ މުއްދަތު އިތުރު ކުރުމަށް ޖުމްލަ 9 ލިއުމެއް ހުށަހަޅަން ޖެހޭއިރު، މުއްދަތު އިތުރުކޮށްދެވެނީ ގާތްގަނޑަކަށް 5 ދުވަހުގެ ތެރޭގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އިމިގްރޭޝަނުން ކުރެވުނު މަސައްކަތުން މިއަދުން ފެށިގެން، ހަމައެކަނި ޕާސްޕޯޓް ސައިޒު ފޮޓޯއެއް ސަބްމިޓް ކުރީމަ ގާތްގަނޑަކަށް އެއްދުވަސް ނުވަތަ ދެދުވަސް ތެރޭގައި، އެމީހާއަށް އެ އެކްސްޓެންޝަން ލިބިގެންދާނެ. މިކަންކަމަކީ މޯލްޑިވްސް 2.0ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ތަޞައްވުރުފުޅާއި އެއްގޮތަށް، އަޅުގަނޑުމެންގެ ޑިޕާޓްމެންޓްތަކުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް، ހާއްސަކޮށް ފަތުވެރިކަމުގެ ދައިރާގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަވާ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުކޮށްލަން ޖެހިއްޖެ ކަމައްވާނަމަ އެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވިގެންދިޔަ ކަމެއް." ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މިހާރުވެސް ފަތުރުވެރިކަމުގެ އެކި ވިޔަފާރިތަކުން މި ލުއިތައް ހޯދުމަށް އެދޭކަން ފާހަގަކޮށްފައެވެ. އަދި މި ލުއިދީފައިވަނީ ސަލާމަތީ ގޮތުން ބަލަންޖެހޭ އެންމެ މަތީ މިނގަނޑުތަކަށް ބެލުމަށް ފަހު ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އެ ސަރަހައްދުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއެކު އިތުރު މާކެޓުތަކުން ފަތުރުވެރިން ގެންނަ އިތުރުން މަސައްކަތްތައް ސަރުކާރާއި ވިޒިޓް މޯލްޑިވްސްއިން ދަނީ ކުރަމުންނެވެ.
ފަތުރުވެރިންނަށް ދޫކުރާ ވިސާގެ މުއްދަތު 48 ގަޑިއިރު ތެރޭގައި އިތުރުކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ