އޮންލައިން ވިޔަފާރިއަށް، ބެންކުން އިތުރު ޚަރަދެއް ނަގަނީ ކީއްވެ؟

މުޅި ދުނިޔޭގައި އޮންލައިން ވިޔަފާރި ފުޅާވެ، ރާއްޖޭގައި ވެސް އެފަދަ ވިޔަފާރި ވަނީ މަގުބޫލުވެފައެވެ. އޮންލައިންކޮށް ވިޔަފާރި ކުރުމަކީ ވަރަށް ފަސޭހަކަމަކަށްވާއިރު، ބޭރުގެ ވެބްސައިޓަކުން ގަންނަ އެއްޗެހި، ހަމަ އެ އަގުގައި ނުލިބުމުގެ ކަންބޮޑުވުން އޮވެއެވެ. ގައުމީ ބެންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޑިޖިޓަލް މުއާމަލާތްތަކަށް އިތުރު ޚަރަދެއް ނަގަނީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. އޮންލައިންކޮށް ކުރެވޭ ވިޔަފާރީ ވަރަށް ފަސޭހަ ނަމަވެސް، އެ މުއާމަލާތުގެ ފަހަތުގައި ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއި ބޮޑެތި އިންފްރާސްޓްރަކްޗާ ހިމެނެއެވެ. އެއީ މުދާ ގަންނަ ފަރާތާއި ވިއްކާ ފަރާތަށް ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއްގެ ދަށުން، ޚިދުމަތް ދިނުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ. އެހެންކަމުން އެއްވެސް ޚަރަދަކާ ނުލައި އެ ޚިދުމަތް ދިނުމަކީ ނާދިރު ކަމެކެވެ. މުޢާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި އިދާރީ ޚަރަދުތައް ބައިނަލްއަގުވާމީ އޮންލައިން ވިޔަފާރިއެއް ކުރާއިރު އެއީ ވަގުތުން ހިނގާ ކަމެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް އެއީ ހަމައެކަނި ގަންނަ މީހާއާއި ވިއްކާ މީހާއާ ދެމެދު ހިނގާ ކަމެއް ނޫނެވެ. އެގޮތުން ބޭންކުތަކާއި، ޕޭމަންޓް ގޭޓްވޭތަކާއި، ސެކިއުރިޓީ ނެޓްވޯކްތައް އެ މުއާމަލާތުގައި ބައިވެރިވެއެވެ. އޭގެ ތެރެއިން ކޮންމެ ފަރާތަކުން ފޯރުކޮށްދޭ ޚިދުމަތަށް އިދާރީ ގޮތުން ބޮޑެތި ހޭދަތަކެއް ހިނގައެވެ. ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސައިބާ ހަމަލާތަކުން ސަލާމަތްވުމަށް ބޭނުންކުރާ ސޮފްޓްވެއާތަކާއި ސާވާތައް ބެލެހެއްޓުމަކީ ބޮޑު އިދާރީ ޚަރަދެއް ހިނގާ ކަންކަމެވެ. މިއީ ބޯޑަރުތަކުން ބޭރުގައި މަސައްކަތްކުރާ މުއައްސަސާތަކެއްގެ ގުޅިފައިވާ ނެޓްވޯކެއްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އާންމުކޮށް އެންމެ މުއާމަލާތެއްގައި ވެސް ހިމެނޭ ފަރާތްތަކުގެ ތެރޭގައި: • ގަންނަ ފަރާތުގެ ކާޑު ދޫކޮށްފައިވާ ބޭންކް• ވިޔަފާރިވެރިޔާއަށް ފައިސާ ބަލައިގަތުމުގެ ޚިދުމަތްދޭ ބޭންކް• ކާޑު ނެޓްވޯކްތައް (މިސާލަކަށް ވިސާ ނުވަތަ މާސްޓަކާޑު)• ޕޭމަންޓް ޕްރޮސެސަރުން އަދި ގޭޓްވޭތައް• ބޭރު ފައިސާ ބަދަލުކޮށްދޭ ފަރާތްތައް• ރެގިއުލޭޓަރީ އަދި ކޮމްޕްލަޔަންސް ނިޒާމުތައް މިއިން ކޮންމެ ފަރާތަކުން ވެސް ކަށަވަރުކޮށްދެނީ އެ މުއާމަލާތަކީ ހުއްދަދެވިފައިވާ، ރައްކާތެރިކަމާއެކު ކުރިއަށްދާ އަދި ނިންމާލެވޭ މުއާމަލާތެއް ކަމެވެ. މި ގިނަ ފަށަލަތަކުގެ މައްޗަށް އެކުލެވޭ އޮނިގަނޑަކީ ކޮންމެހެން ބޭނުންތެރި އެއްޗަކަށްވުމުގެ ސަބަބުން، ކޮންމެ މަރުހަލާއެއްގައި ވެސް ޚަރަދުތަކެއް އުފެދެއެވެ. އެހެންކަމުން، މި ޚިދުމަތްތައް ދެމެހެއްޓުމަށްޓަކައި ކޮންމެވެސް މިންވަރެއްގެ ފީއެއް ނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފައިސާ ދައުރުވާ ގޮތް އޮންލައިންކޮށް ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުން ކުރިއަށްދަނީ ތަރުތީބުކުރެވިފައިވާ މަރުހަލާތަކެއްގެ ތެރެއިންނެވެ. އެއީ ފުރަތަމަ އޮތޮރައިޒޭޝަންއެވެ. އެއީ ކާޑު ދޫކޮށްފައިވާ ބޭންކުން މުއާމަލާތް ޔަގީންކޮށް ހުއްދަ ދިނުމެވެ. ދެވަނައަށް ކްލިއަރިންއެވެ. އެއީ މާލީ މުއައްސަސާތަކުގެ މެދުގައި މުއާމަލާތުގެ މައުލޫމާތު ބަދަލުކުރުމެވެ. އެއަށްފަހު އަންނާނީ ސެޓްލްމަންޓެވެ. އެ މަރުހަލާގައި ފައިސާ ބަދަލުކުރެވެއެވެ. އޭގެ ތެރޭގައި ގިނަ ފަހަރަށް އެއް ބާވަތުގެ ފައިސާއިން އަނެއް ބާވަތުގެ ފައިސާއަށް ބަދަލުކުރުން ހިމެނެއެވެ. އެންމެ ގިނަ ޚަރަދުތައް ހިނގަނީވެސް ސެޓްލްމަންޓް މަރުހަލާގައެވެ. މީގެ ތެރޭގައި ފޮރިން އެކްސްޗޭންޖް މާޖިންތަކާއި، ނެޓްވޯކް ޗާޖުތަކާއި، ޕްރޮސެސިން ފީތަކާއި، ރިސްކާ ގުޅުންހުރި ޚަރަދުތައް ހިމެނެއެވެ. އެ ޚަރަދުތައް އާންމުކޮށް ހިމެނިފައި ހުންނާނީ ގަންނަ ފަރާތުގެ އެކައުންޓުން އެންމެ ފަހުން ކެނޑޭ އަދަދުގައެވެ. ނިޒާމުގެ ތެރޭގައި ޚަރަދުތައް ހިމެނިފައިވާ ސަބަބު ބައިނަލްއަގުވާމީ އީކޮމާސް ބިނާވެފައިވަނީ ހަމައެކަނި ފައިސާ ދެއްކުމުގެ މަރުހަލާއަށްވުރެ މާ ފުޅާ އިންފްރާސްޓްރަކްޗާއެއްގެ މައްޗަށެވެ. މާލީ މުއައްސަސާތަކުން މެދުނުކެނޑި ބައެއް ކަންކަމަށް އިންވެސްޓްކުރަން ޖެހެއެވެ. އެއީ:• ޕޭމަންޓް އިންފްރާސްޓްރަކްޗާ: ތަފާތު ގައުމުތަކާއި ވަގުތުތަކުގައި އިތުބާރާއެކު މަސައްކަތްކުރާ ނިޒާމެއް ގާއިމުކުރުމަށް.• ސައިބާ ލިކުއިޑިޓީ މެނޭޖްމަންޓް ނިޒާމުތައް: ތަފާތު ފައިސާތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށް.• ސެކިއުރިޓީ ނިޒާމުތައް: މަކަރާއި ހީލަތުން ކުރާ މުއާމަލާތްތަކާއި ހަމަލާތަކުން ރައްކާތެރިވުމަށް.• ކޮމްޕްލަޔަންސް އޮނިގަނޑުތައް: މަނީ ލޯންޑަރިންއާ ދެކޮޅަށް މަސައްކަތްކުރުމާއި ސެންކްޝަންތަކާ (ދަތިކުރުމުގެ ފިޔަވަޅު) ގުޅޭ ބައިނަލްއަގުވާމީ ގަވާއިދުތަކަށް އަމަލުކުރުމަށް. މިފަދަ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮތުމަކީ ބޯޑަރު ހުރަސްކޮށް ކުރެވޭ މުއާމަލާތްތަކުގައި އިތުބާރާއި ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. މި ކަންކަމަށް ހިނގާ ހިންގުމުގެ ޚަރަދުތަކާއި ރެގިއުލޭޓަރީ ޑިމާންޑްތަކުގެ ސަބަބުން، އެއްވެސް ޚަރަދަކާ ނުލައި ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މި ނިޒާމަށް ބަލާއިރު، ބައިނަލްއަގުވާމީ އީކޮމާސް މުއާމަލާތްތަކާ ގުޅިފައިވާ ފީތަކަކީ ހަމައެކަނި އެއް މުއައްސަސާއަކަށް ލިބޭ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، މި ފީތައް ބެހިގެންވަނީ މުޅި ޕޭމަންޓް ޗެއިންގެ ތެރެއަށެވެ. ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް އީކޮމާސްގެ އޮނިގަނޑަށް ހިނގާ ޚަރަދުތައް ރާއްޖެ ފަދަ ކުދި އިގްތިސާދުތަކުގައި މާ ބޮޑަށް ފާހަގަކުރެވެއެވެ. އާބާދީ ކުޑަ ނަމަވެސް، ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި އީކޮމާސްގެ ޚިދުމަތްދޭ ބޭންކް އޮފް މޯލްޑިވްސްގެ ރެކޯޑްތައް ދައްކާ ގޮތުން ހަމައެކަނި އެ ބޭންކް މެދުވެރިކޮށް، ރުފިޔާ އެކައުންޓުން ކާޑު ބޭނުންކޮށްގެން މަހަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ އީކޮމާސް މުއާމަލާތް ކުރެވެއެވެ. މާނައަކީ ބީއެމްއެލް އިން ކަސްޓަމަރުން ރުފިޔާއިން ކުރާ ޚަރަދު ޑޮލަރަށް ބަދަލުކޮށް، އެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ މަސްއޫލިއްޔަތު އަދާކޮށްދޭކަމެވެ. ދުނިޔޭގެ ބައެއް މަޝްހޫރު އީކޮމާސް ސައިޓްތަކަށް، އަބާދީއާ އަޅައިބަލާއިރު ރާއްޖެއަކީ އެ ސައިޓްތަކުގެ އެންމެ ލޯޔަލް ކަސްޓަމަރުން ތިބި ތަނެވެ. އެންމެ ރަނގަޅަށް މުއާމަލާތްތައް ހިންގާ އެއް ގައުމެވެ. މިކަމުގެ ސަބަބުން އެ ވިޔަފާރިތަކުގެ ޓާގެޓް މާކެޓަކަށް ރާއްޖެވަނީ ވެފައެވެ. މިއީ ބައިނަލްއަގުވާމީ އޮންލައިން ވިޔަފާރި ހިންގާ ސައިޓްތަކަށް ރާއްޖެ މުހިންމުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. ކުރިން މި ދެންނެވި މިންވަރަށް މުއާމަލާތްތައް ހިންގުމަކީ ރާއްޖޭގެ މާލީ މުއައްސަސާތަކަށް، ޚާއްސަކޮށް ބޭންކް އޮފް މޯލްޑިވްސްއަށް، ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ބޭރުގެ ކޮންމެ ފައިސާގެ މުއާމަލާތަކަށް ބޭރު ފައިސާ ބޭނުންވާއިރު، ބީއެމްއެލްއަށް ޑޮލަރު ވިއްކޭނީ އެ ބޭންކަށް ޑޮލަރު ގަންނަން ނުވަތަ މާރުކުރަން ލިބޭ މިންވަރަކަށެވެ. މީގެ އިތުރުން މާލީ ނިޒާމުގެ ހަމަޖެހުން ހިފަހައްޓާ އުސޫލުތައް ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާޑު ނެޓްވާކްތަކާއި ޕާޓްނަރުންނާއެކު އަދާކުރަންޖެހޭ ފައިސާގެ ކޮމިޓްމަންޓްތައް ފުރިހަމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭން ޖެހެއެވެ. މާލީ ބާޒާރުތައް ފުޅާ ބޮޑެތި އިގްތިސާދުތަކާ ޚިލާފަށް، ރާއްޖެފަދަ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކުޑަ ގައުމަކުން ބޭރަށް ފޮނުވާ ފައިސާގެ މިންވަރާއި، އަތުގައި ހުރި ބޭރު ފައިސާގެ ވަސީލަތްތަކާ ދެމެދު ވަރަށް ފަރުވާތެރިކަމާއެކު ބެލެންސް ހިފަހައްޓަންޖެހެއެވެ. މީގެ ސަބަބުން ކުރެވޭ ކޮންމެ މުއާމަލާތަކަށް އިތުރު އުނދަގޫތަކާއި ޚަރަދުތަކެއްވެސް ކުރަންޖެހެއެވެ. ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބީއެމްއެލްއިން ފީ ނަގާ އުސޫލު - ތައުލީމާއި، ބޭސްފަރުވާ ހޯދުން ފަދަ މުހިންމު ބޭނުންތަކަށް ފައިސާ ދެއްކުން- %5 އާ ހަމައަށް - އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތަކުން ބޮޑެތި އަދަދުތަކުން ވިޔަފާރީގެ ބޭނުމަށް ރުފިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ޓީމޫ ފަދަ ލިސްޓްކޮށްފައިވާ ސައިޓްތަކުން - %30 އާ ހަމަޔަށް.- އެހެނިހެން މުދަަލާއި ޚިދުމަތަށް ފައިސާ ދެއްކުމުން - %10 އާ ހަމަޔަށް. އީކޮމާސް: ފަސޭހަ، އެހެނަސް ދަމަހައްޓަން ޚަރަދު ހިނގާ ނިޒާމެއް ބައިނަލްއަގުވާމީ އީކޮމާސް ބިނާވެފައިވަނީ އެކި ގައުމުތަކުގެ މާލީ ނިޒާމުތަކާއި، ގަވާއިދުތަކާއި، އަދި ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ މައްޗަށެވެ. ކޮންމެ މުއާމަލާތަކީ ހަމައެކަނި ޑިޖިޓަލް ބަދަލުކުރުމެއް ނޫނެވެ. އެއީ އެކި ގައުމުތަކުގެ ގިނަ ފަރާތްތަކެއް ގުޅިގެން ހިންގާ ވަރަށް ބޮޑު މަސައްކަތެކެވެ. އެހެންކަމުން، މި ޚަރަދުތަކަކީ އިއްތިފާގަކުން ކުރިމަތިވާ ކަންކަމެއް ނޫނެވެ. އެއީ ދުނިޔޭގެ އޮންލައިން ވިޔަފާރި ރައްކާތެރިކަމާއެކު އަދި ހަރުދަނާކޮށް ހިންގުމަށްޓަކައި އެކުލަވާލެވިފައިވާ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށާއި، ސެކިއުރިޓީ ކަށަވަރުކުރުމަށާއި، އިގްތިޞާދީ ރައްކާތެރިކަމަށްޓަކައި ކުރާ ޚަރަދަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ޚަރަދުތައް މުޅިން ނައްތާލުމަކީ އެ ނިޒާމު ރޫޅާލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ