ރާއްޖެ ސަރަހައްދަށް ވަތް ލަންކާގެ މަސްބޯޓެއް ދައުލަތަށް ނަގައިފި

ދިވެހި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ، މަސްވެރިކަން ކުރި ސްރީ ލަންކާގެ މަސްބޯޓެއް ދިވެހި ދައުލަތަށް ނަގައި، އެ ބޯޓު 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފިއެވެ.
މި ބޯޓަކީ މިދިޔަ އަހަރުތެރޭ ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރި ސްރީލަންކާގެ ގުޑްރުން ޑެޓްލެފް ނަމަކަށް ކިޔާ ބޯޓެވެ. އެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ ބޯޓު ހިފަހައްޓާ، ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރުމުން، ދައުލަތުން އެ ބޯޓާ ދެކޮޅަށް އުފުލި ދައުވާ، ސިވިލް ކޯޓުން ބުދަ ދުވަހު ނިންމިއިރު، ހުކުމް ކޮށްފައިވަނީ 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ބޯޓު ދައުލަތަށް ނަގާށެވެ. އެކަމަކު، މި ހުކުމް އިއްވީ ޣައިރު ހާޒިރުގައެވެ. ޣައިރު ހާޒިރުގައި ހުކުމް ކުރީ، ދައުލަތުގެ ދައުވާއާ ގުޅިގެން ބޯޓުގެ ފަރާތުން ޖަވާބެއް ވެސް ނުދޭތާ، ޝަރިއާތަށް ވެސް ހާޒިރު ނުވުމުންނެވެ. މި މައްސަލަ ނިންމީ ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީނުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ