އިނގިރޭސިވިލާތުން މިހާރުގެ ކުޑަކުދިންނަށް ސިނގިރޭޓު އުމުރަށް މަނާކޮށްފި

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، މިހާރު އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އުމުރަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ބިލެއް އިއްޔެ ފާސްކޮށްފި އެވެ.
ދުންފަތުގެ އިސްތިއުމާލުނުކުރާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި އިނގިރޭސިވިލާތުން ފާސްކުރި މި އާ ގާނޫނުގެ ދަށުން، މިހާރު އުމުރުން 17 އަހަރު ނުވަތަ އެއަށް ވުރެ ހަގު އެއް ވެސް މީހަކަށް ގާނޫނީ ގޮތުން ސިނގިރޭޓު ގަތުން އުމުރަށް މަނާވާނެ އެވެ.
އަލަށް ފާސްކުރި 'ޓޮބެކޯ އެންޑް ވޭޕްސް ބިލް' މެދުވެރިކޮށް، ދުންފަތުގެ ބާވަތްތައް ގަނެވޭނެ އެންމެ ދަށު އުމުރު އަހަރަކަށް ވުރެ އަހަރެއް މަތިވަމުންދާނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މި ބަދަލު އަންނަން ފަށާނީ 1 ޖެނުއަރީ 2009ގެ ފަހުން އުފަންވި މީހުންނާ ހިސާބުންނެވެ.
އަންނަ ހަފުތާގައި ރަސްމީކޮށް ތަސްދީގުކުރާނެ ކަމަށް ބެލެވޭ މި ގާނޫނުގެ ދަށުން ވޭޕް ކުރުމުގެ އުސޫލުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން، 18 އަހަރުން ދަށުގެ ކުދިންނަށް ނިކޮޓިން އެކުލެވޭ ތަކެތި ވިއްކުމާއި އެފަދަ ތަކެތި އިޝްތިހާރު ކުރުން މި ގާނޫނުގެ ދަށުން މަނާކުރާނެ އެވެ.
މިއީ އާންމު ސިއްހަތަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުން، އެ ގައުމުގެ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން ވިދާޅުވީ، އިނގިރޭސިވިލާތުގެ ކުޑަކުދިން ވެގެންދާނީ ދުންފަތުގެ އިސްތިއުމާލުނުކުރާ ފުރަތަމަ ޖީލަށް ކަމަށެވެ. އަދި އުމުރުދުވަހަށް ދެވިހިފުމާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކުން އެ ކުދިން ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ބަލިޖެހުމުގެ ކުރިން ރައްކާތެރިވުން މާ ބުއްދިވެރިކަން ފާހަގަކުރައްވައި، މި އިސްލާހުގެ ސަބަބުން ގިނަ ފުރާނަތަކެއް ސަލާމަތްވެ، އެންއެޗްއެސްއަށް އޮތް ބާރު ކުޑަވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި، މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތައް މަދުކޮށް، ސިއްހީ ފަރުވާގެ ދިގު މުއްދަތުގެ ހަރަދުތައް ކުޑަކުރުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކު ދުންފަތުގެ ސަބަބުން ގާތްގަނޑަކަށް 64،000 މީހުން މަރުވެ، 400،000އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހެ އެވެ. މިއީ އެ ގައުމުގެ ސިއްހީ ނިޒާމަށް މާލީގޮތުން ވަރަށް ބޮޑު ބުރައެކެވެ.
ޒުވާނުންގެ މެދުގައި ވޭޕްކުރުން އިތުރުވަމުންދާތީ، އެކަމާ މެދު އޮތް ކަންބޮޑުވުންތަކާ ގުޅިގެން، ވޭޕްގެ ފްލޭވާތަކާއި އޭގެ ބަންދުކުރާ ގޮތް ނުވަތަ ޕެކޭޖިން ކޮންޓްރޯލް ކުރުމުގެ ބާރު ވެސް މި ގާނޫނުން ސަރުކާރަށް ލިބިދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ