ފަސްމިނެޓުތެރޭ ސިޓީ އެއްވަނައަށް، ފައިދާ ސިޓީއަށް، އާސެނަލަށް ލީގު ގެއްލެނީބާ؟

ޓާފް މޫރުގައި ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ފެށިގެން ފަސް މިނެޓުގެ ތެރޭ ލަނޑުޖަހާ މެންޗެސްޓަރ ސިޓީން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
މެންޗެސްޓަރ ސިޓީން ރޭ 1 - 0 ން ވަނީ ބާންލީގެ މައްޗަށް ކުރިހޯދާ ލީގުގެ އެއްވަނައަށް 8 މަސް ފަހުން ޖެހިލައިފަ އެވެ. މިވީހާ ދުވަހު އެއްވަނައިގައި އާސެނަލް އޮތް ނަމަވެސް އެޓީމުން ނަގާފައި އޮތް 9 ޕޮއިންޓްގެ ލީޑު ވަނީ ވޭތުވެދިޔަ 11 ދުވަސްތެރޭ ގެއްލިފަ އެވެ.
މިކެލް އާޓެޓާގެ ޓީމަށް 12 ޕޮއިންޓްގެ ފަރަގެއް ނަގާ އަތުނުޖެހޭ ހިސާބަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް މުޅި ޓީމު ސިއްސުވާލާ އާސެނަލްގެ އަމިއްލަ ދަނޑުގައި ބޯންމައުތުން އެޓީމު ބަލިކުރިއިރު އޭގެ ފައިދާ ނަގާ ސީދާ ތިން މެޗުން ސިޓީ މޮޅުވި އެވެ. އޭގެ ތެރޭގައި އާދިއްތަ ދުވަހު އާސެނަލްގެ މައްޗަށް ހޯދި ތާރީހީ މޮޅު ހިމެނެ އެވެ.
މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލި ނަމަވެސް އެންމެ ގޯލެއްގެ ހަނި ތަފާތަކުން ޗެމްޕިއަންޝިޕަށް ރެލެގޭޓްވީ ޓީމެއް އަތުން މޮޅުވުމުން ސިޓީ ހިތާމަކުރާނެބާ؟
ވާދަވެރި ޓައިޓްލް ރޭހެއްގައި ކޮންމެ ގޯލެއްގެ ދައުރު ބޮޑުއިރު ސިޓީން އެމޮޅަކީ ހާލަންޑްގެ އެއްގޯލާއެކު އެމީހުންގެ ގޯލު ތަފާތު ބޮޑުކުރަން ގެއްލިގެންދިޔަ ފުރުސަތެއްގެ ގޮތުގައި ދެކިދާނެ އެވެ.
"އަހަރެމެންނަށް ފުރުސަތުތައް ލިބުނު. ކުރިއަށް އޮތްތާ ވާނެގޮތަކާމެދު އެއް ނޫން އެކަމަކު މެޗުން މޮޅުވާން، ވަރަށް ސާފުކޮށް އެނގޭ، (މާޓިން) ޑުބްރަވްކާ (ބާންލީގެ ކީޕަރު) މޮޅުކަން އެކަމަކު ހަމަލާ އުފެއްދުމުގެ ފަހުބަޔަކީ ބައެއްފަހަރު ވަރުބަލިވުން" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ އިތުރަށް ބުނީ އެމީހުންނަށް ދެލަނޑު ޖަހާ 2 - 0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރެވުނު ނަމަ މާ ބޮޑަށް ހަމަޖެހިލެވޭނެކަމަށް ހީކުރެވޭ ކަމަށާއި އޭރުން ގޭމު އޮތީ އަހަރެމެންގެ އަތުތެރޭގައި ކަމަށް އަދި ސީޒަނުގެ އެންމެ ފަހު ކޮޅު ހަމަޖެހިލެވޭނަކަމަށް ހީކުރެވޭ ކަމަށެވެ.
"ޓީމުގައި އަހަރެން އެދުނު ކަންކަމަަށް ބަލާފައި، ގޭމް ޕްލޭނާއި ކުރަންޖެހޭ ކަމަށްދޭ ސަމާލުކަމަށް ބަލާފައި އެމީހުން ވަރަށް ވެސް މޮޅު. އަދި އަހަރެމެންނަށް ކުޅެވުނީ ވަރަށް ރަނގަޅަށް، ނަސީބު ދެރަކަމުން ގިނަ ފުރުސަތުތަކެއް ގެއްލުނު އަދި ދެވަނަ ހާފުގައި އަހަރެމެންނަށް ރަނގަޅަށް ޑިފެންސް ކުރެވި ދިމާވި މައްސަލަތައް މަދު" ގާޑިއޯލާ އިތުރަށް ބުނެފައިވެ އެވެ.
އޭނާ އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ނެތް ކަމަށާއި އެމީހުންނަށް ތިން ޕޮއިންޓް ލިބި ލީގުގެ އެއްވަނައަށް އަރައިފި ކަމަށް އަދި މިއަށްވުރެ ރަނގަޅަށް ކުޅެވޭނެ އެހެންނަމަވެސް ޓީމުން ހުރިހާ ކަމެއް ކުރި ކަމަށާއި އެހެންކަމުން ހިތްހަމަނުޖެހެންވީ ކޮންކަމަކާ ގުޅިގެންތޯ ވެސް ގާޑިއޯލާ ވަނީ ސުވާލު އުފައްދާފަ އެވެ.
ސިޓީއާއި އާސެނަލްގެ ކުރިއަށް ހުރި މެޗުތަކަށް ބަލާލާއިރު ދެޓީމުން ވެސް ބާކީ އޮތް 5 މެޗުން މޮޅުވެއްޖެނަމަ 85 ޕޮއިންޓާއެކު ދެޓީމު ހަމަހަމަވާނެ އެވެ. އަދި ގޯލް ތަފާތު ނޫނީ ޖަހާފައިވާ ގޯލުގެ އަދަދަށް ބަލަން ޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ.
ދެޓީމުން ވެސް ކުޅެފައިވަނީ އެއް އަދަދެއްގެ މެޗުތައް (33) އަދި ލިބިފައިވަނީ އެއް އަދަދަކަށް ޕޮއިންޓް (70)، އަދި ނަތީޖާތަކަށް ބަލާނަމަ ދެޓީމަށް ވެސް ލިބިފައިވަނީ 21 މޮޅު، 7 އެއްވަރު އަދި 5 ބަލި އެހެންކަމުން ޓައިޓްލް ރޭސް އެހާ ވާދަވެރިވެފަ ގާތްވަނީ މިހެންވެ އެވެ.
މިވަގުތު ލީގު ތާވަލުގެ އެއްވަނައަށް ސިޓީން އެރީ ޕޮއިންޓްގެ ގޮތުންނާއި ގޯލް ތަފާތުން އެއްވަރުވުމާއެކު ޖެހި ގޯލުގެ އަދަދަށް ބަލައިގެންނެވެ. ސިޓީން 66 ގޯލު ޖަހާފައިވާއިރު އާސެނަލުން ޖަހާފައިވަނީ 63 ގޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ