ކަނޑުއަޑީގެ މައިން ވަޅުލާ އީރާނުގެ އުޅަނދުތަކެއް އެމެރިކާއިން ނައްތާލައިފި

ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅީގެ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ 16 އުޅަނދެއް އިއްޔެ ނައްތާލާފައިވާ ކަމަށް ބުނެފި އެވެ. މި އުޅަނދުތަކަކީ ކަނޑުއަޑީގައި މައިން ވަޅުލުމަށް ބޭނުންކުރާ އުޅަނދުތަކެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް %20 ސަޕްލައި ދަތުރުކުރާ މި ކަނޑުއޮޅީގައި އީރާނުން މައިން ވަޅުލަފާނެ ކަމުގެ ބިރު އޮތުމުން، އެކަން ހުއްޓުވުމަށްޓަކައި އެ އުޅަނދުތައް ނައްތާލާފައިވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުކުރާ މަގުތަކުގައި އެއްވެސް މައިންއެއް ވަޅުލާފައިވާ ނަމަ، ވަގުތުން ވަގުތަށް އެތަކެތި ނެގުމަށް އީރާނަށް އިންޒާރު ދެއްވާފަ އެވެ.
ޓްރޫތް ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން އެ ސަރަހައްދުގައި އެއްވެސް މައިންއެއް ވަޅުލާފައިވާ ނަމަ ވަގުތުން އެތަކެތި ނަގަން ބޭނުންވާ ކަމަށާއި، އެކަން ނުކޮށްފި ނަމަ އަސްކަރީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް ކުރިމަތިވާނެ ކަމަށެވެ.
ޕެންޓަގަންއިން މީގެ ކުރިން ވަނީ އީރާނުން މައިން ވަޅުލުމަށް ބޭނުންކުރާ އުޅަނދުތަކަށާއި އެތަކެތި ރައްކާކުރާ ގުދަންތަކަށް ހަމަލާދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އަމުރެއް ލިބިއްޖެ ހިނދެއްގައި، އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަން ދިރާސާކުރަމުންނެވެ. ޕެންޓަގަންގައި ވާހަކަދައްކަވަމުން އެމެރިކާގެ އިސް ޖެނެރަލް ޑޭން ކޭން ވިދާޅުވީ، މިކަމުގައި ތަފާތު ގޮތް ގޮތަށް ވިސްނަމުންދާ ކަމަށެވެ.
ނަމަވެސް، ތެޔޮ ޓޭންކަރަކަށް އެމެރިކާއިން ހިމާޔަތްދީފައިވާ ކަމަށް ކުރިން އަޑުފެތުރިފައިވީ ނަމަވެސް، ވައިޓް ހައުސްއިން ބުނެފައިވަނީ އަދި ރަސްމީކޮށް އާންމު ވިޔަފާރި އުޅަނދުތަކަށް އެސްކޯޓް ދޭން ފަށާފައި ނުވާ ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ އެމެރިކާގެ މި ދައުވާތައް ދޮގުކޮށް، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ އެއްވެސް ހަރަކާތެއް ހިންގައިފި ނަމަ އެއީ ހަމަލާދޭނެ އަމާޒެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ތަރުޖަމާނު އަލީ މުހައްމަދު ނާއިނީ ވިދާޅުވީ، އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންގެ އެއްވެސް އުޅަނދެއް އެ ސަރަހައްދުން ދަތުރުކުރަން އުޅެފި ނަމަ، އީރާނުގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެން އެކަން ހުއްޓުވާނެ ކަމަށެވެ.
އެމެރިކާ، އިޒްރޭލު އަދި އީރާނާ ދެމެދު އުފެދިފައިވާ މި ހަމަނުޖެހުންތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފާ އެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ