ކޮވިޑް ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ އަދަދު 100 އިން މައްޗަށް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 105 އަށް އަރައިފި އެވެ. އިއްޔެއާ ހަމައަށް ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ހުރީ 92 ގައެވެ. މިއަދު އެ ބައްޔަށް އިތުރު 153 މީހުން ޕޮޒިޓިވްވެފައިވާއިރު، 105 މީހުނަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓް ކޮށްގެންނެވެ. ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެޑްމިޓް ކުރުމަށް ހުރީ 343 އެނދު ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ގާއިމްކޮށްފައިވާ 250 ޖާގަ އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ އާއި 16 ވަނަ ފަންގިފިލާގައި ހުރި 18 އެނދުގެ އިތުރުން ފަސް އަތޮޅެއްގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީގައި ހުރި 77 ޖާގަ އެވެ. އޭގެ އިތުރުން އަތޮޅުތަކުން ޕޮޒިޓިވްވާ މީހުން އެކަހެރި ކުރުމަށް އެ ފަސް ފެސިލިޓީގައި 105 ޖާގަ ހުންނާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1719 އަށް އަރާފައިވާއިރު، ފަސް މީހަކު ހުރީ އަތޮޅުތެރޭގެ ރަށް ރަށުގަ އެވެ. އަދި މާލެ ސަރަހައްދުގައި އައިސޮލޭޝަންގައި 1152 މީހަކު އެބަތިއްބެވެ. ރާއްޖެ އިން މިހާތަނަށް 4466 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ބަލިން މުޅިން ރަނގަޅުވެފައިވަނީ 2693 މީހެކެވެ. އެ ބަލީގައި 19 މީހަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ