ސްޓިކާ ޖަހައިގެން އާމްދަނީ ހޯދުމުން އެނގެނީ ގައުމު ހިންގުމުގައި ފެއިލްވެފައިވާ މިންވަރު: މެމްބަރު ހުސެން

އުޅަނދުތަކުގައި ސްޓިކާ ޖަހައިގެން ދައުލަތަށް އާމްދަނީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ހާމަވަނީ ގައުމު ހިންގުމުގައި ސަރުކާރު ފެއިލްވެފައިވާ މިންވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ވެރިކަން ހޯދަން ވީ ވައުދުތަކުގެ ތެރެއިން އެއް ވައުދަކީ ޕާކު ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމުގެ ވައުދެވެ. އެހެންނަމަވެސް، ވައުދާ ހިލާފުވާކަން މާޒީގައިވެސް ސާބިތުކޮށްދީފައިވާ އެމްޑީޕީގެ ސަރުކާރަށް ސްޓިކާ ނުޖަހާ ކެތްކޮށްލެވުނީ މަދު ދުވަސްކޮޅަކަށެވެ. ސްޓިކާ ނުޖަހާނެ ކަމަށް ވީ ވައުދު އުވާލައި، މި ސަރުކާރުން އަލުން ސްޓިކާ ޖަހަން ފެށީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. ފުލުހުން ސްޓިކާ ޖެހުމުގައި އަވަދި ނެތި އުޅޭއިރު، ޓްރެފިކް ޖޫރިމަނާގެ ގޮތުގައި މިއަހަރު ދައުލަތަށް 31 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. ސްޓިކާ ޖަހައިގެން ދައުލަތުން އާމްދަނީ ހޯދަން ގެންގުޅޭ ސިޔާސަތަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފު ވިދާޅުވީ، އެކަމުން އެނގެނީ ސަރުކާރު ގައުމު ހިންގުމުގައި ފެއިލްވެފައިވާ މިންވަރު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ފުދުންތެރި، ތަނަވަސް، އަދި ހަމަޖެހޭ ދިރިއުޅުމެއް ކަމަށެވެ.
Vehicle thakugai #Sticker jahain aamdhanee ithuru kurumah sarukaarun gengulhey siyaasathakee qaumu hingumugai fail vefaiva dhakkuvaidhey aligadha hekkeh, rayyithun beynun vanee fudhuntheri, thanavas hama jehey faagathi dhiriulhumeh! @DhiyaresNews @VaguthuOnline @sunbrk— Hussain Mohamed Latheef (@SembeHucen) January 12, 2020
ޖޫރިމަނާގެ ގޮތުގައި ދައުލަތުން މިދިޔަ އަހަރު އެކަނިވެސް 233 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. އަންނަ އޭޕްރީލްމަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސްޓިކާ ޖަހައިގެން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ވަގުތީ ގޮތުން މަޑު ޖައްސާލަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ