ތައުލީމާއި ސިއްހީ ފަރުވާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ: ނައިބު ރައީސް ފައިސަލް

ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖޭގެ ތައުލީމީ ދާއިރާ އާއި ސިއްހީ ފަރުވާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް އެހެން ވިދާޅުވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުން އެންމެ އިސްކަންދެއްވާ ކަމަކީ ތައުލީމާއި ސިއްހީ ހިދުމަތް ކުރިއެރުވުން ކަމަށް ވިދާޅުވެ ނައިބު ރައީސް ވަނީ ރާއްޖޭގެ ރަށްތަކުގައި ތިބެގެން ރަނގަޅު ފެންވަރުގެ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ރަށުން ލިބޭ ސިއްހީ ފަރުވާގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާފަ އެވެ.
އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ތަޢުލީމާއި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އިންގިލާބީ ކުރިއެރުންތަކެއް ހާސިލްކުރެވޭނެކަމުގެ ޔަގީންކަން އެމަނިކުފާން ވަނީ ދެއްވާފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު ރަށްރަށުގައި ދެވޭ ތައުލީމާއި ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ދިވެހި ދަރިވަރުންނަކީ ތޫނުފިލި ދަރިވަރުންތަކެއް ކަމަށާއި އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމުގައި ދިވެހީންގެ ހިއްސާ ބޮޑުކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިޔަށްދިއުމުގައި ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުންނާއި އިންޖިނޭރުން އަދި މި ނޫން ވެސް އެކިއެކި ފަންނުތަކުން ކުރިއަރާފައި ތިބި ފަރާތްތައް ދިވެހި ގައުމަށް ވަޑައިގެން ހިދުމަތަށް ނުކުންނެވުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢަށް ފައިދާ ހުރި ދަރީންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި އިސްލާމްދީނުގެ ރިވެތި އުސޫލުތަކުން ދަރީންނަށް ނަމޫނާ ދެއްކެވުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ