ފޮތްތައް ނުލިބޭ ކަމަށް ބުނެ ބެލެނިވެރިން ކަނޑުހުޅުދޫ ސްކޫލް ބަންދުކޮށްފި

ގއ. ކަނޑުހުޅުދޫ ސްކޫލްގެ ދަރިވަރުންގެ ފޮތްތައް ނުލިބޭ ކަމަށް ބުނެ ބެލެނިވެރިންގެ ބަޔަކު ނުކުމެ މިއަދު ސްކޫލް ބަންދުކޮށްފި އެވެ.
ކަނޑުހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު ބެލެނިވެރިންގެ ތެރެއިން ބަޔަކު ނުކުމެ ސްކޫލްގެ ގޭޓްގައި ލަކުޑިގަނޑެއް އައްސައި ސްކޫލް ބަންދުކުރީ މާދަމާ ސްކޫލް ހުޅުވޭއިރު ދަރިވަރުންގެ ފޮތްތައް ސްކޫލުން ދޫކޮށްފައި ނުވާތީ އާއި ސްކޫލްގެ ފާހާނާގެ މައްސަލަތަކެއް ހުރުމުގެ އިތުރުން ބައެއް ކްލާސް ރޫމްތަކުގައި ހުރި ފަންކާތައް ނޭނބުރޭ ކަމަށް ބުނެ ކަމަށެވެ.
"ފޮތްތައް ލިބިފައި ހުންނަތާ ވެސް ދެ މަސް ވެއްޖެ ކަމަށާއި ފާހާނާގެ މައްސަލައާ ފަންކާތައް ނޭނބުރޭ މައްސަލަ ހައްލުނުވަނީސް ސްކޫލް ހުޅުވިޔަ ނުދޭނެ ކަމަށް ބުނެ އެއްވި މީހުން ވަނީ އަޑު އުފުލާފައި،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު މިއަދު ވިދާޅުވީ ހެނދުނު ގާތްގަނޑަކަށް 20 މީހުން ސްކޫލް ދަށަށް އެއްވެ ނުރުހުން ފާޅުކުރަމުންދިޔަ ކަމަށާއި އެމީހުން ހިތްހަމަނުޖެހޭ ކަންތައްތަކަށް ހައްލެއް ނުލިބެނީސް ސްކޫލް ހުޅުވިޔަ ނުދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
" ބެލެނިވެރިންގެ ޝަކުވާތަކާ ގުޅިގެން އަޅުގަނޑުމެން ގޮސް ބެލިން. އެބައުޅޭ އެކަހަލަ މައްސަލަތަކެއް، ފާހާނައިގެ ދޮރެއް ނެތް، ބޯނެ ފެނެއް ނެތް، މިހެން ގޮސް އެބައުޅޭ މައްސަލަތަކެއް،" ރިފާއު ވިދާޅުވި އެވެ.
ކަނޑުހުޅުދޫ ސްކޫލް ހިނގެވުމާ ހަވާލުވެ ހުންނެވި އެކްޓިން ޕްރިންސިޕަލް ހަސަން އަބޫބަބަކުރު މިއަދު ވިދާޅުވީ ބެލިވެރިން އެއްވެ ސްކޫލް ބަންދުކޮށްފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ފޮތްތައް ހަވާލުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ. ސްކޫލް ހުޅުވާނީ އެކަންތައްތައް ހައްލުކުރުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" ފޮތްތައް ދޫކުރުމުގައި ލަސްތަކެއް ވެގެން ދިޔައީ ބެލެނިވެރިން ވެސް ސްކޫލާއި ހަވާލުކުރަންޖެހޭ ދަރިވަރުންގެ ފޮތްތައް ހަވާލުނުކޮށް ހުރުމުން، އެ ފޮތްތައް ވެސް އެބަޖެހޭ ހަމަކުރަން،" ހަސަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ