ޕީޕީއެމުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ފަށައިފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ކެމްޕެއިން ޕީޕީއެމުން ފަށައިފިއެވެ.
ޕީޕީއެމުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައިއެވެ. އެގޮތުން ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް ބައެއް މެންބަރުންނާއި ޕީޕީއެމް ކައުންސިލް މެންބަރުންނާއި އެމްޑީއޭގެ އިސް ބައެއް ބޭފުޅުން އެރަށަށް ވަޑައިގެންނެވިއެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭގެ ވަފްދެއް ދިއްގަރަށް ދަތުރެއް ފަށާފައިވަނީ މްޕޭން ކުރުމަށް ބޭނުންވާ ސާވޭތަކެއް ހެދުމެވެ. މި ދަތުރުގައި ރައްޔިތުން ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މިއަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން އިލެކްޝަންސް ކޮމިޝަންގައި ކުރިއަށްދާނެއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާނެކަން ހާމަކޮށްފައިނުވާއިރު، އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ އެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މީގެއިތުރުން، މ.އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދެ ކައުންސިލަރަކު ވެސް މި ގޮނޑިއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ