އެންމެ ފަހުން ބޭއްވި ޕީޕިއެމްގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދެކޮޅަށް ބައްދަލުވުން ދޫކުރައްވާ ނުކުމެ ވަޑައިގެންނެވި މެންބަރުން އަމަލު ކުރެއްވި ގޮތާއި މެދު މައާފަށް އެދުމުން ނޫނީ ދެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ނުބާއްވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އެރޭ ބޭއްވި ޖަލްސާ ހުއްޓާލަން ޖެހުނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އަދި އާއްމު މެމްބަރު ޒައިދުލްއަމީން އަކީ ޕާޓީން ވަކިކޮށްފައިވާ މެންބަރުން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވާ މެންބަރުން ބައްދަލުވުން ދޫކުރައްވާ ނުކުމެވަޑައިގެންނެވުމުންނެވެ.
ރައީސް މައުމޫން ޕީޕީއެމްގެ ރަސްމީ ވައިބާ ގްރޫޕަށް ރޭ ފޮނުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ އެރޭގެ ބައްދަލުވުމުގައި މައުމޫން އާއި ދެކޮޅަށް ނުކުމެވަޑައިގެން، މެންބަރުން ކުރެއްވީ ބަގާވާތެއް ކަމަށެވެ. މަައުމޫން ވިދާޅުވީ އެ މެންބަރުން ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތް ތެރިކޮށް ހިތުމަށް ވައުދުވާން ޖެހޭ ކަމަށެވެ.
މައާފަށް އެދެން ޖެހެނީ ޕީޕީއެމް އާއި އެޕާޓީގެ ރައީސްގެ މައްސަލަ ކޯޓަށް ހުށަހެޅި މެންބަރުންނާއި އެރޭ ބައްދަލުވުން ދޫކުރައްވާ ނިކުމެވަޑައިގެން މީޑިއާގައި ޕީޕީއެމްގެ ރައީސްގެ އަގު ވެއްޓޭގޮތަށް މުހާތަބު ކުރެއްވި މެންބަރުން ކަމަށް މައުމޫން ވިދާޅުވި އެވެ.
ކައުންސިލް ބައްދަލުވުން ބޭއްވުމާއި ގުޅޭގޮތުން މައުމޫން އެއްޗެއް ވިދާޅުވެފައި މިވަނީ ސިިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބޭފުޅުން ބައިވެރި ކުރުވޭނީ ޕާޓީ ކައުންސިލުން ނަންތައް ފާސްކޮށްގެން ކަމަށް ރައީސް އޮފީހުން އަންގާފައި ވަނިކޮށެވެ. ޕީޕީއެމްގެ ރައީސް މައުމޫން ނިންމާފައިވަނީ އެ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނަވާނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކަމަށެވެ.
ރައީސް އޮފީހުން އެގޮތަށް އެންގުމުން މައުމޫން ވިދާޅުވީ ނަންތައް ބަދަލު ކުރެވެން ނެތް ކަމަށާއި ކައުންސިލް ބައްދަލުވުމެއްވެސް ނުބޭއްވޭނެ ކަމަށެވެ. ޖަވާބުގައި ސަރުކާރުން މީޑިއާގައި ބުނެފައިވަނީ ކައުންސިލް ބައްދަލުވުމުން ނަން ފާސް ނުކުރާނަމަ މަޝްވަރާތަކުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.
ކައުންސިލް ބައްދަލުވުން ބާއްވަން މައުމޫން ޝަރުތުތަކެއް ކަނޑައަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ