އިންޓަ ސްކޫލް އަންހެން ފުޓުބޯޅަ މުބާރާތް އަންނަ އަހަރު

އަންނަ އަހަރުން ފެށިގެން އިންޓަ ސްކޫލް އަންހެން ފުޓުބޯޅަ މުބާރާތް ބޭއްވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ. މިހާރުވެސް އެފްއޭއެމްއިން އިންޓަ ސްކޫލް ފިރިހެން މުބާރާތުގެ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ މުބާރާތް ކުރިއަށް ގެންދެއެވެ. އެފްއޭއެމްގެ ފަރާތުން އެސިސްޓެންޓް ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލްޣަނީ (ސާންތި) "ސަން ސްޕޯޓްސް"އަށް ވިދާޅުވީ އަންނަ އަހަރުން ފެށިގެން އިންޓަ ސްކޫލް އަންހެން ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރު އޮންނާނީ ދެ އުމުރު ފުރައެއްގެ މުބާރާތް ކަމަށްވެސް ސާންތި ފާހަގަކުރެއްވިއެވެ. "އޭއެފްސީ ވުމަންސް ފުޓްބޯލް ޑޭ" ފާހަގަ ކުރުމަށް އިއްޔެ ހާއްސަ ހަރަކާތްތަކެއް ބާއްވާފައިވާ އިރު، ސާންތި ވިދާޅުވީ، ރާއްޖޭގައި އަންހެން ފުޓުބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށެވެ. އެގޮތުން މިހާރު ފޯކަސް ހުރީ އަތޮޅު ތެރެއިން ހުނަރު ހުރި ސަރަހައްދުތައް ބަލައި އެ ސަރަހައްދުތަކުގައި ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ސާންތި ފާހަގަކުރެއްވިއެވެ. އިއްޔެ ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ އަންހެން ފުޓުބޯޅަ ޓީމުތަކުގެ ކުޅުންތެރިންގެ އިތުރުން ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ގިނަ އަދަދެއްގެ އަންހެން ބޭފުޅުންވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެކްސްކޯގެ މެމްބަރުންނާއި ޓެކްނިކަލް ޑައިރެކްޓަރު ޖޭން ވަންލީ އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގަޓްވެސް އިއްޔެގެ ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. "އޭއެފްސީ ވުމަންސް ފުޓްބޯލް ޑޭ" ގެ ހަރަކާތްތައް އޭޝިއާގެ އެކިއެކި ގައުމުތަކުގައި ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރު އޭއެފްސީން ބޭނުންކުރަމުން އަންނަ ޝިއާރަކީ "އިޓްސް މައި ގޭމް" ޝިއާރެވެ. އެ ޝިޔާރު ހާއްސަވަނީ އޭޝިއާގެ އެކި ސަރަަހައްދުތަކުގައި މަސައްކަތްކުރާ ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ އަންހެނުނަށް ކަމަށް އޭއެފްސީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ