މެމްބަރު އަލީ ހުސެއިންގެ މައްޗަށް ތިން ތުހުމަތެއް!

އިދިކޮޅު ޕާޓީތަކުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލޭގައި ބޭއްވި އެއްވުމުގައި ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ މައްޗަށް ފުލުހުން ތިން ތުހުމަތެއް ކޮށްފިއެވެ. އަލީ ހުސެއިންގެ މައްޗަށް ފުލުހުން ކުރާ ތިން ތުހުމަތަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތާއި، މާލޭގެ އަމާންކަން ނަގާލަން މަސައްކަތްކުރުމުގެ ތުހުމަތު އަދި ފުލުހުންނާ ހަޑިހުތުރުބަހުން މުއާމަލާތްކުރިކަމުގެ ތުހުމަތެވެ. އެ މައްސަލަތަކުގެ ތަހުގީގަށް، އަލީ ހުސައިން ފުލުހުންގެ އިދާރާއަށް ރޭ ހާޒިރުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުން އޭނާ ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި، ހައްޔަރުކުރެވޭ ވަގުތު ލިބިދޭންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިދީފައި ނުވާ ކަމަށެވެ. އަލީ ހުސައިންގެ މައްޗަށް ފުލުހުން އިތުރު ތަހުމަތުތަކެއް ކޮށް ތަހުގީގު ފަށާފައިވާއިރު، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާއެއް ކްރިމިނަލް ކޯޓަށް މިހާރުވެސް ވަނީ ހުށަހެޅިފައެވެ. އަލީ ހުސައިންގެ ރޭގެ ވަގުތެއްގައި ފުލުހަށް ހާޒިރުވާން އެންގި އިރު، ޖެންޑާ މިނިސްޓްރީގެ ކުރީގެ ނައިބު އައިމިނަތު ނާދިރާއާއި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްވެސް ވަނީ ބަލަމުންދާ މައްސަލަތަކެއްގައި ރޭ ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. އެގޮތުން ނާދިރާގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރާއިރު މަހުލޫފުގެ މައްޗަށް ކުރަނީ ހަތަރު ތުހުމަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ