މެމްބަރު މުސްތަފާ ހައްޔަރުކުރަން ނިހާން ގޮވާލުމުން މައްސަލަ ހޫނުވެ ޒުވާބަކަށް!

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހައްޔަރު ކުރަން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލުމުން މައްސަލަ ހޫނުވެ ޒުވާބަކަށް ގޮސްފި އެވެ. މުސްތަފާ ރޭ ކުރެއްވި ޓްވީޓެއްގައި އިންޑިއާގެ އާމީ ފޯސް ސީދާ ހަރަކާތައް ނުކުމެއްޖެ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ އިސްތިއުފާއަށް ވަނީ ގޮވާލާފަ އެވެ. އެ ޓްވީޓަށް ރައްދު ދެއްވައި ނިހާން ވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މުސްތަފާ ހިފާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ. ނިހާންގެ ޓްވީޓާ ގުޅިގެން ފުލުހު ފުލުގައި ދެ ބޭފުޅުން ޓްވީޓް ކުރައްވަމުން ގެންދެވި އެވެ. ބަހުގެ ހަމަލާތައް އެކަކު އަނެކަކަށް ވަނީ ރައްދުކޮށްފަ އެވެ. "ރައީސް ޔާމީނާ ބެހޭ ގޮތުން ނިހާނު ދައްކާފައި ހުރި ހަޑި ހުތުރު ވާހަކަތައް ޕަބްލިކްގައި ދައްކަން ނުކެރިގެން މި އުޅެނީ. މާ އަނގަ ގަދަވަންޏާ ހެކިތަކާއެކީ ކިޔާލެވިދާނެ،" މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ. ނިހާން ވަނީ މުސްތަފާ އެހެން ވިދާޅުވުމާއެކު އެއަށް ރައްދު ދެއްވާފަ އެވެ. ވިދާޅުވީ ދިރިހުރި އެންމެ މީހެއްގެ އަތުގައިވެސް ރައީސް ޔާމީނާ ދެކޮޅަށް ދައްކާފައި ހުރި އެއްވެސް ވާހަކައެއް އެއްވެސް ފޯމެޓެއްގައި ނުހުންނާނެ ކަމަށެވެ. "ނިކަން ކެރެންޔާ ދައްކަބަލާ،" ނިހާން ވިދާޅުވި އެވެ. މުސްތަފާގެ ރުޅި އިތުރަށް ގަދަވި އެވެ. ރުޅި ގަދަވީ ނިހާނުގެ ޓްވީޓުފައި "ތިމަރަފުށީ މުސްތަފާ" ލިޔެވައިވާތީ އެވެ. ރައްދުގައި މުސްތަފާ ވިދާޅުވީ "ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު ނޫންގޮތަކަށް އެޑްރެސް ކޮށްފިއްޔާ ހުރިހާ ކަމެއް ފަޅާ އަރުވާލެވި ދާނެ" ކަަމަށެވެ. "ހުއިފި ލަނޑާގެ ބަދަލުގައި ރަބަރުބޯ ފައިވާނަށް ސިމެންތި އަޅާފައި އެކްޕޯޓު ކުރި ޒަމާނެއް ނޫން މިއީ މުސްތަފާ،" މުސްފާއަށް ރައްދު ދެއްވައި ނިހާން ޓްވީޓް ކުރެއްވި އެވެ. ނިހާނާ ބެހޭގޮތުން ރިޝަވަތުގެ ވާހަކަތަކެއްވެސް މުސްތަފާ ދެއްކެވި އެވެ. މުސްތަފާ މުއްސަނދިވެފައި ހުރި ގޮތާ ބެހޭގޮތުން ސުވާލު އުފައްދަވައި ނިހާން ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ. މުސްތަފާ އެއަށް ރައްދުދެއްވައި ވިދާޅުވީ ދިމާކުރާނީ ދިމާކުރެވެން އޮންނަ ކަހަލަ މީހުންނާ ކަމަށެވެ. ރޭ ދަންވަރުގެ ވަގުތުގައި ނިހާނާ މުސްތަފާއާ ދެމެދު ހޫނު ޒުވާބެއް ޓްވިޓާގައި ގޮސްފައިވާއިރު މުސްތަފާއަކީ ކުރިން ނިހާންގެ ގާތް ބޭފުޅެކެވެ. ޕީޕީއެމްގައި މުސްތަފާ ހުންނެވި އިރު އެއްކޮށް އުޅުއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ