ގާޒީ ބާރީ ޝަހީމަށް: ޔޫސުފްގެފާނު ޖަލުގައި އޮންނަވަންޖެހިވަޑައިގަތީ ކޮންގޮތަކަށް އުޅުއްވީމަތޯ؟

ސަލާމްލެއްވި ޔޫސުފްގެފާނު ޖަލުގައި އޮންނަވަންޖެހިވަޑައިގަތީ ކޮންގޮތަކަށް އުޅުއްވީމަތޯ ސާފުކޮށްދެއްވުމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބުދުލްބާރީ ޔޫސުފް ރައީސް އަބުދުﷲ ޔާމީންގެ ރަނިންމޭޓް އަދި ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށް ސުވާލު އަމާޒުކުރައްވައިފިއެވެ.
ގާޒީ ބާރީ މި ސުވާލު ޑރ ޝަހީމަށް އަމާޒުކުރެއްވީ "ޖަލަށްދާން ޖެހެނީ މީހާ އުޅޭގޮތުން"ކަމަށް ވިދާޅުވެ ޑރ ޝަހީމް ދެއްކެވި ވާހަކަތަކެއް މީޑިއާގައި ދައުރުވާން ފެށުމުން އެކަމާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޝަހީމްގެ އެންމެ ގާތް އެކުވެރިޔާކަމަށް އެމަނިކުފާނު ވިދާޅުވާ އައްޝައިޚް އިމްރާން އަބުދުﷲ ދެއްކެވި ވާހަކަފުޅާއި ގުޅިގެން 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރައީސް ޔާމީން ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުތަކުގެ ތެރެއިން ލ އަތޮޅު މާވަށުގެ ރައްޔިތުންނާއި ބައްދަލްކުރައްވާ ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ކުށެއް ނުކުރާ މީހަކު ޖަލަށްދާކަށް ނުޖެހޭނެކަމަށާ މީހާ ޖަލަށް އެދާން ޖެހެނީ މީހާ އުޅޭ ގޮތުންކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން ގާޒީ ބާރީ ވަނީ ޔޫސުފް އަލައިހިއްސަލާމް އެހާ ގިނަ ދުވަހު ޖަލުގައި އޮންނަވަންޖެހިވަޑައިގަތީ އެކަލޭގެފާނު ކޮންގޮތަކަށް އުޅުއްވީމަތޯ ޝަހީމާއި ސުވާލުކުރައްވާފައެވެ.
ސަލާމްލެއްވި ޔޫސުފްގެފާނު އެންމެ ޒުވާން ދުވަސްވަރު ޖަލުގައި ހޭދަކުރައްވަންޖެހިވަޑައިގަތީ ހިލޭ އަންހެނަކާއިއެކު ފާހިޝް އަމަލެއް ހިންގަވަން އެކަލޭގެފާނަށް ދެއްވި ދައުވަތަށް އިންކާރުކުރައްވާ މާތްﷲއަށް ބިރުވެތިވެވަޑައިގެން އެ ނުބައި އަމަލު ކުރެއްވުމަށް ދެކޮޅު ހެއްދެވުމާއި ގުޅިގެން އެ ދައުވަތު ދެއްވި ފަރާތް ފަޟީހަތްވުމުން އެކަމުގެ ބަދަލު ހިއްޕެވުމެއްގެ ތެރެއިންނެވެ.
ޝަހީމްގެ މި ވާހަކަތަކަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު އަބުދުލްލަތީފްވެސް ވަނީ ރައްދުދެއްވާފައެވެ.
ޑރ އިޔާޒް ވިދާޅުވީ ޖަލަށްލެވޭ ކޮންމެ މީހަކީ ކުށެއްކޮށްގެން ޖަލަށްލެވޭ މީހެއްކަމަށް ބުނާނަމަ، ނަބިއްޔާ ޔޫސުފްގެފާނު ޖަލަށްލެވުނު ސަބަބު ދިރާސާކޮށްލެއްވުން ރަނގަޅުކަމަށެވެ. މީގެ އިތުރަށް ބައެއް ސަޙާބީންނާއި، ތާބިޢީން އަދި އިބުނު ތަޢިމިއްޔާ ފަދަ ޢިލްމުވެރިން ޖަލަށް ވަދެވަޑައިގަންނަވަނީ ޖެހުނީ ކީއްވެގެންތޯވެސް ޑރ އިޔާޒު ވަނީ ސުވާލުކުރައްވާފައެވެ.
މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ކީރިތި ގުރުއާނުގައިވާގޮތުން ނަބިއްޔާ ޔޫސުފްގެފާނު ޖަލަށް ވަންނަންޖެހުނީ ކުށެއްކުރައްވައިގެން ނޫންކަަމަށެވެ.
ސައުދުﷲ ވިދާޅުވީ ކަމަކަށް ވަކިވަރަކަށްވުރެ ދަހިވެތިވުމުން ކިޔެވިފައިވާ އެއްޗެއްސައްވެސް "އަރިދަފުސްރޯގާ" ޖެހި ހަނދާންތައްވެސް ތަޣައްޔަރުވަނީތޯއްޗެކަމަށް ވިދާޅުވެ ޑރ ޝަހީމަށް ފާޑުވިދާޅުވެފައެވެ.
އައްޝައިޚް އިމްރާން އަބުދުﷲ ދެއްކެވި ވާހަކަފުޅާއި ގުޅިގެން 12 އަހަރުގެ ޖަލު ހުކުމެއް އިއްވާ އެމަނިކުފާނު ޖަލުގައި ހައްޔަރުކުރުމުން އެކަމަށް ކެތްކުރައްވަން ދަތިވެގެންކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރުކަމުން އޭރު އިސްތިއުފާދެއްވި ޑރ ޝަހީމް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވުމުން ޝަހީމް ގެންދަވަނީ ކުރިން ދެއްކެވި ވާހަކަތަކާއި ވަރަށް ބޮޑަށް ފުށުއަރާ ބައެއް ވާހަކަތައް ދައްކަވަމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ނުރަނގަޅު އަދި ރައްޔިތުން ނުރުހޭ ކަންކަން ދިފާއުކުރުމަށް ޝަހީމް ދައްކަވާ ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ