މިސްރުގެ ރައީސް ސީސީއާ މައުމޫން ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިސްރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އަބްދުލް ފައްތާހު އައްސީސީއާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ. ދީނީ ފަތުވާ ދިނުމާ ބެހޭގޮތުން މިސްރުގައި ކުރިއަށް ދާ ބައިނަލްއަގްވާމީ ޖަލްސާއެއްގައި ބައިވެރިވުމަށް އެ ގައުމަށް ވަޑައިގެން، ސީސީއާ އެކު ބޭއްވި ބައްދަލުވުމުގައި އެފަދަ ޖަލްސާއެއް އެ ގައުމުގައި ބޭއްވުމުން ދީނީ ކަންކަމަށް މިސްރުން ދޭ ސަމާލުކަން ދޭހަވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި މިސްރަކީ އިސްލާމީ އުއްމަތުގެ ދިފާއުގައި ވަރަށް އިސް ދައުރެއް އަދާ ކުރާ ގައުމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން މީގެ ދެ ދުވަހެއް ކުރިން ސީސީގެ މަންމާފުޅު އަވަހާރަވެފައިވާތީ ސީސީ އަށް މައުމޫން ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ސީސީ ވަނީ މައުމޫނަށާއި އެ ޖަލްސާގެ ބައިވެރިންނަށް މަރުހަބާ ވިދާޅުވެ، އެ ބޭފުޅުންގެ މަސައްކަތްޕުޅުތަކަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ