ސިޔާސީ އެއްވެސް މީހަކާ މައުމޫން ސިއްރުން ބައްދަލެއް ނުކުރައްވާނެ: ޕީޕީއެމް

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިޔާސީ އެއްވެސް ބޭފުޅަކާ ސިއްރުން ބައްދަލު ނުކުރައްވާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ. ޕީޕީއެމުން އެގޮތަށް ބުނެފައިވަނީ މައުމޫނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ސިންގަޕޫރުގައި ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ފެތުރި ހަބަރު ދޮގުކޮށް ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައިވަނީ ސިއްރިއްޔާތުގައި ސިޔާސީ ބައްދަލުވުމެއް މައުމޫން ނުބާއްވަވާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް ވެސް ދޭ ކަމަށެވެ. އަދި ސިޔާސީ ބޭފުޅަކާ އެކު މައުމޫން ބައްދަލުވުމެއް ބާއްވައިފި ނަމަ ޓްވިޓާ މެދުވެރިކޮށް އެކަން އާންމު ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން އެ ހަބަރަކީ ޕާޓީ ތެރޭގައި އޮތް އެއްބައިވަންތަ ކަން ގެއްލުވާލުމަށް ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް އެ ޕާޓީން ދެކެއެވެ. ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއި އިތުރު ބޭފުޅުންތަކެއް މައުމޫނާ އެކު ސިންގަޕޫރުގައި ބައްދަލުވުމެއް ބާއްވާ ކަމަށް ހަބަރު ފެތުރިފައިވަނީ ބޭސްފަރުވާ އަށް ނާޒިމް ސިންގަޕޫރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދީފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ