އެންމެ ބޮޑު މައްސަލައަކީ އިލްމު ނެތް މީހުން ފަތުވާނެރުން: މައުމޫން

އިސްލާމީ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅަށް ދީނީ އިލްމު ނޭނގޭ މީހުން ދީނީ ފަތުވާ ދިނުން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ދީނީ ހައްދު ފަހަނައެޅުންތަކާ ދެކޮޅަށް މިސްރުގައި ބޭއްވި ފަތުވާ ދިނުމުގެ ބައިނަލްއަގްވާމީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު، މިއަދު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެކި ކަންކަމާ ގުޅޭ ގޮތުން ދީނީ ފަތުވާ ނެރޭ މީހުން މިހާރު ގިނައިރު، އޭގެ ތެރޭގައި ވަކި ފަރާތަކަށް ޖެހިފައި ހުންނަ ފަތުވާ އާއި ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ހުންނަ ފަތުވާތައް ގިނަ ކަމަށެވެ. މިސްރުގައި ބޭއްވި ފަތުވާ ކޮންފަރެންސްގައި ބައިވެރިވި އިލްމުވެރިންގެ ގްރޫޕް ފޮޓޯގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ (މ) އަދި ސީސީގެ ކަނާތް ފަރާތުގައި މިސްރުގެ މުފްތީ ޝައުކީ އިބްރާހިމް، ވާތް ފަރާތުގައި ރައީސް މައުމޫން. --ފޮޓޯ:އޭއެފްޕީ އަދި ރާއްޖޭގައި ވެސް ކަން ހިނގަނީ މިގޮތަށް ކަމަށާއި އެންމެ ބޮޑު މައްސަލައަކީ ދީނީ އިލްމު އެންމެ ރަނގަޅަށް އުނގެނިފައި ނެތް މީހުން ނުވަތަ ޝަރުތު ހަމަ ނުވާ މީހުން އެކި ކަންކަމުގައި ފަތުވާ ނެރުން ކަމުގައި މައުމޫން ވިދާޅުވި އެވެ. "ނެރޭ ފަތުވާތައް ނޫސްތަކުގައި ޖަހައި ޓީވީތަކުން ދެއްކި ނަމަވެސް އޭގެ ފެންވަރެއް ނުހުރޭ. ހަރާމް ކަންތައްްތައް ދަނީ ހަލާލް ކުރަމުން. ހަލާލް ކަންތައްތައް ހަރާމް ކުރޭ. މިއީ (ފަތުވާ ދިނުމަކީ) ވަރަށް މޮޅަށް ދީނީ ތައުލީމް ހާސިލްކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ. "މީގެ ސަބަބުން ދިވެހިން ވެސް އަދި އެހެން މުސްލިމުން ވެސް އުޅެން ޖެހިފައިވަނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި." މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ބައެއް މީހުން ފަތުވާ ދޭ ގޮތުން އާއްމުންނަށް ވަރަށް ބޮޑަށް އޮޅުން އަރާ ކަމަށް ވިދާޅުވި މައުމޫން ވިދާޅުވި ގޮތުގައި ނެރޭ ފަތުވާއަކީ ގުރްއާނާއި ސުންނަތާއި އަދި އިތުބާރު ހުރި އެހެނިހެން ޝަރުއީ ދަލީލުތަކުގެ މައްޗަށް ބިނާވެގެންވާ ފަތުވާތަކަށް ހަދަން ޖެހެ އެވެ. ދުނިޔޭގެ ބޮޑެތި އިލްމުވެރިންނާއި މުފްތީން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ވަނީ މި މައްސަލަ އަށް ހައްލެއް ހޯދުމަށް ގަރާރުތަކެއް ނެރެފަ އެވެ. އެގޮތުން ފަތުވާ ދިނުމާ ގުޅޭ ބައިނަލް އަގްވާމީ އިދާރާއެއް މިސްރުގައި ގާއިމުކޮށް، ހުށަހަޅާ މައްސަލަތަކާ މެދު، ދުނިޔޭގެ ހުރިހާ ގައުމެއްގެ ބޮޑެތި އިލްމުވެރިންގެ މެދުގައި މަޝްވަރާކޮށްފައި ގޮތެއް ނިންމުމަށް ކަނޑައަޅާފައި ވެ އެވެ. އަދި ހުރިހާ އިލްމުވެރިން ވެސް އެއްބަސްވާ އުސޫލުތަކެއް ކަނޑައަޅައި، އެ އުސޫލުތަކުގެ ބޭރުން ފަތުވާ ނުދެވޭ ގޮތަށް ހަމަޖައްސައި، ފަތުވާ ދޭ މީހުންގެ ތައުލީމީ ފެންވަރާއި އަހުލާގީ ފެންވަރު ވެސް ކަނޑައަޅާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ