ޓީޗަރުން މަދުވެގެން ބެލެނިވެރިން ނުކުމެ ނޭކުރެންދޫ ސްކޫލް ބަންދުކޮށްފި

ހދ. ނޭކުރެންދޫ ސްކޫލުގައި ކިޔަވައިދޭ ޓީޗަރުން މަދުވެގެން ބެލެނިވެރިން ނުކުމެ ހިތްހަމަނުޖެހުންފާޅުކޮށް މިއަދު ސްކޫލް ބަންދުކޮށްފި އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފުރަތަމަ ޓާމް ބަންދަށް ފަހު އިއްޔެ ސްކޫލް ހުޅުވިއިރު ގިނަ ޓީޗަރުން ސްކޫލަށް ނުނިކުންނަ ކަމަށެވެ. ގްރޭޑް 9،8 އަދި 10 ގެ ކުދިންނަށް މިއަދު ކިޔަވައިދިނީ އެންމެ މާއްދާއެއް ކަމަށް އޭނާ ބުންޏެވެ. އެ މައްސަލާގައި ބެލެނިވެރިން ނުކުމެ ސްކޫލް ގޭޓް ބަންދުކޮށް، ދެ ވަނަ ދަންފަޅީގެ ކިޔެވުން ވަނީ ހުއްޓުވައިފަ އެވެ. އަދި ބައެއް ބެލެނިވެރިން އަންނަނީ ސްކޫލް ދޮރުމަތީގައި ނުރުހުންފާޅުކުރަމުންނެވެ. "ހެނދުނު ދަންފަޅީގައި އިސްލާމް މާއްދާ ކިޔަވައިދީފައި ކުދިން ގެއަށް ފޮނުވާލި ކަމަށް ބުނެ ބެލެނިވެރިން ރުޅިގަދަވީ، އެ މީހުން ބުނަނީ ފުރަތަމަ ދަންފަޅީގައި ކިޔަވައިނުދެވުނީމަ ދެ ވަނަ ދަންފަޅީގެ ކިޔެވުން ވެސް ކުރިއަށް ނުގެންދެވޭނެއޭ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ދުއިސައްތައެއްހާ ދަރިވަރުން ކިޔަވާ ސްކޫލްގެ ލީޑިން ޓީޗަރު އިބްރާހިމް އުސްމާން ވިދާޅުވީ ގްރޭޑް ދިހައަކަށް ކިޔަވައިދޭ ތިން ޓީޗަރަކު މިއަދު ސްކޫލަށް ނުނިކުންނަ ކަމަށެވެ. އެއީ ބިދޭސީ ދެ ޓީޗަރުންނާއި ދިވެހި ޓީޗަރެކެވެ. "ބިދޭސީ ދެ ޓީޗަރުން ދިޔައީ ރަށަށް [އިންޑިއާ އަށް]. ދިވެހި ޓީޗަރު ޗުއްޓީ އަށް މާލެ ދިޔަތަނުން ބަލިވެގެން ނާދެވިގެން އުޅެނީ. އެ މީހުންނަށް އާދެވެނީ މި ހަފުތާ ނިމެންވާއިރަށް. އެކަމުގައި ބެލެނިވެރިން ހިތްހަމަނުޖެހުނީ،" އޭނާ ވިދާޅުވި އެވެ. އުސްމާން ވިދާޅުވި ގޮތުގައި ދެ ވަނަ ސެޝަންގެ ކިޔެވުން ކުރިއަށް ގެންދަން ސްކޫލުން ބޭނުންވި ނަމަވެސް އެކަމަށް ހުރަސްއަޅާފައި ވަނީ ބެލެނިވެރިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ