ބޮންޑު ވިއްކައިގެން ހޯދާ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ: ސަރުކާރު

ސޮވެރިން ބޮންޑް ބޭރަށް ވިއްކައިގެން ހޯދަން މަސައްކަތް ކުރާ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަންނަ މަހު ލިބޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކަން މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެ ބޮންޑު ވިއްކުމުގެ ކަންކަން ބަލަހައްޓައި ކުރިއަށް ގެންދަން ޖަރުމަނުގެ ޑޮއިޗޭ ބޭންކާ ވަނީ ހަވާލުކޮށްފަ އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ޑޮއިޗޭ ބޭންކާ އެކު މި މަސައްކަތުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް ސިންގަޕޫރު (ޑީބީއެސް) އިން ވެސް ބައިވެރިވެ އެވެ. އެ ދެ ބޭންކް ގުޅިގެން ބޮންޑު ވިއްކުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު، އަންނަ މަހުގެ ތެރޭގައި ފައިސާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ޔަގީން އަޅުގަނޑުމެން މި ކުރާ މަަސައްކަތުން އަޅުގަނޑުމެންނަށް މި އަޅުގަނޑުމެން ޓާގެޓުކޮށްފައިވާ އެމައުންޓުތަކަށް، އަދަދުތަކަށް ލިބިގެން ދާނެ ކަމަށް،" ފިނޭންސް މިނިސްޓްރީގައި ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއްގައި މުނައްވަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު މުނައްވަރު: ބޮންޑު ވިއްކުމުން ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ތަރައްގީވާނެ ކަމަށް އޭނާ މިއަދު ވިދާޅުވި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
މިނިސްޓަރާ އެކު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފިނޭންސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޑޮއިޗޭ ބޭންކާއި ސިންގަޕޫރުގެ ޑީބީއެސް އިން ހަރަކާތްތެރި ވާނީ އެޖެންޓެއްގެ ގޮތުގަ އެވެ. ދެ ބޭންކެއް ހަމަޖެއްސުމުގެ ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބޮންޑު ގަންނަން ބޭނުންވާ ވީހާ ވެސް ގިނަ އަދަދެއްގެ އިންވެސްޓަރުންނަށް އެ ފުރުސަތު ދިނުމެވެ.
ބޮންޑު ވިއްކުމަކީ، މިނިސްޓަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ މާކެޓަށް ރާއްޖެ އިތުރަށް ހުޅުވައިލަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މުހިއްމު ބައެކެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސޮވެރިން ބޮންޑެއް ބޭރަށް ވިއްކާއިރު، މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، ކުރިއަރުވަން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"ހަގީގަތުގައި ބޮންޑު މާކެޓަށް ނުކުމެގެން އަޅުގަނޑުމެންގެ ސްޓްރެންތު، އަޅުގަނޑުމެންނަކީ މިހާރު ތަރައްގީވަމުން ދާ ގައުމެއް. ކުރީގައި އަޅުގަނޑުމެންނަކީ ލީސްޓް ޑިވެލޮޕްޑް ކަންޓްރީއެއް. އެހެންވީމަ، އަޅުގަނޑުމެން މިހާރު ތަރައްގީވަމުން ދާ ގައުމަކަށް ވާއިރު، އަޅުގަނޑުމެން ވެސް އެހެން ގައުމުތަކާ އެއް މިސްރާބަކަށް ދާން ޖެހޭނީ،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮންޑު ވިއްކުމުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެ، ރާއްޖެ އަށް ލިބޭ ބޭރު ފައިސާގެ މިންވަރު އިތުުރުވާނެ ކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް ރަނގަޅު މެސެޖެއް ދެވި، އިތުރު އިންވެސްޓަރުން ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސުން ބުނި ގޮތުގައި ބޮންޑް އަދި ރާއްޖޭގެ އިގްތިސާދާ ބެހޭ މައުލޫމާތު ދޭން ތިން ގައުމެއްގައި ރޯޑް ޝޯތައް ބާއްވަން ވަނީ ނިންމައިފަ އެވެ. އެކަމަކު، އޭގެ ތަފްސީލެއް މިއަދަކު ނުދެ އެވެ.
އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދަން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެ މަޝްރޫއުގެ އިތުރުން ވެސް، އެހެން ބައެއް މަޝްރޫއުތަކަށް ބޮންޑު ވިއްކައިގެން ލިބޭ ފައިސާ އިން ހަރަދު ކުރަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
ބަޖެޓުގައިވާ ގޮތުން ރާއްޖޭން ބޭރުން ފައިސާ ހޯދަން ނިންމާފައި ވަނީ މަޝްރޫއުތަކަށް މުދަލާއި މެޝިނަރީ އެތެރެކުރަން ބޭރު ފައިސާ ހޯދަން ބޭނުން ވާތީ އެވެ. އެ ގޮތުން، ބޭރު ފައިސާ ހޯދައިގެން އެ ފަދަ މަޝްރޫއުތަކަށް ހަރަދުކުރުމުން، ރާއްޖޭގައި މިހާރު އޮތް ބޭރު ފައިސާގެ ބޮޑު ޑިމާންޑަށް އިތުރު ޕްރެޝަރެއް އަދި ރަސްމީ ރިޒާވަށް ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު ވެސް ކުޑަވާނެ ކަމަށް ބަޖެޓުގައި ވަނީ ބުނެފަ އެވެ.
ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކަން ނިންމާފައި ވަނީ ހަމަޖެހިފައިވާ ރޭޓެއްގައި، ފަސް އަހަރުދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ފަށާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ