ޕީޖީގެ ދައުވަތު ރައީސް ގަބޫލު ކުރައްވައިފި، މައުމޫން ޖަވާބެއް ނުދެއްވާ

ޕީޕީއެމްގެ ތެރޭގައި ޖެހިފައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕް، ޕީޖީ ގްރޫޕުން ދެއްވި ދައުވަތު ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅު ކުރައްވައި ޕީޖީ ގްރޫޕާ އެކު އެ މައްސަލައިގައި މިއަދު ރައީސް މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލު ކުރެއްވީ މިއަދު ހެނދުނު 10:00 އިން 11:00 އަށް މުލިއާގޭގަ އެވެ.
އެ ބައްދަލުވުމަށް ފަހު، ނިހާން މިއަދު "އަވަސް" އަށް ވިދާޅުވީ، ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން އާ ބައްދަލު ކުރުމަށް އިއްޔެގެ ވަގުތެއްގައި ދެ ބޭފުޅުންނަށް ރަސްމީކޮށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީއާ ގުޅިގެން ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ޕީޖީގެ އެ ދައުވަތު ގަބޫލުފުޅު ކުރައްވައި މިއަދުގެ ވަގުތަކަށް ވަގުތު ދެއްވި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރަން ރައީސް ޔާމީން ބޭނުންފުޅުވާކަން މިއަދުގެ ބައްދަލުވުމުގައި ވެސް ހާމަ ކުރެއްވި އެވެ. އަދި ޕީޕީއެމްގެ ޕީޖީ އިން ވެސް މަސައްކަތް ކުރާނީ އެ މައްސަލަ އެންމެ ފުރަތަމަ ވެސް ވާހަކަ ދައްކައިގެން ހައްލު ކުރަން ކަމަށް ނިހާން ވިދާޅުވި އެވެ.
"ވާހަކަ ދައްކައިގެން ހައްލު ނުވެއްޖެ ނަމަ ދެން އެކަން ހައްލު ކުރަން ހެދޭނެ ގޮތްތަކަކާ މެދުވެސް މަޝްވަރާ ކުރެވުނު. އެހެން ނަމަވެސް ރައީސް ވެސް ބާރު އެޅުއްވީ ޑައިލޮގް އިން މިކަން ހައްލު ކުރެވޭނެއޭ. އެގޮތުން ރައީސް އަޅުގަނޑުމެންގެ ދައުވަތު ގަބޫލު ކުރައްވާ އެހާ އަވަހަށް ބައްދަލު ކުރެއްވީ ވެސް އެބޭނުމުގައި،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫންއަށް ފޮނުވި ސިޓީއަށް އަދި މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށާއި މަޝްވަރާ ކުރައްވަން މައުމޫން ޕޮޒިޓިވް ޖަވާބެއް ދެއްވަން ޕީޖީ ގްރޫޕުން އުންމީދު ކުރައްވައި ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް މައުމޫންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މަޝްވަރާއަށް މައުމޫން ވެސް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި މި މަހުގެ 16 ކުރިން ޖަވާބެއް ދެއްވުމަށް މައުމޫންއަށް ދަންނަވާފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ޕާޓީގެ އެންމެ ހަރަކާތްތެރި އެއް ގުނަވަން، އަދި ހަރަކާތްތެރިވާން ވެސް ޖެހޭ ގުނަން. އެހެން ވީމާ އަޅުގަނޑުމެން އިސްނަގައިގެން މި ފެށި މަސައްކަތަކީ މަޝްވަރާ އިން ކަންކަން ހައްލު ކުރުން. އަޅުގަނޑުމެން މި އަންނަނީ އެކަން ކުރަމުން. މި މަސައްކަތަަށް މައުމޫންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރެވެނީ،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމް ކުރިއަށް ގެންިދޔުމުގައި ރައީސް ޔާމީންގެ ވަރަށް ގިނަ ވިސްނުންފުޅުތައް އެބަހުރި ކަމަށާއި ޕީޕީއެމްއާ މެދު ރައީސް ޔާމީން ދެކެނީ މިހާރަށް ވުރެވެސް އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީގެ ގޮތުގައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ