ކުރިއަށް އޮތް ތިން ދުވަހުވެސް ތިމަރަފުށީ ދާއިރޭގެ ޒުވާނުން މަޑުމަޑުން ތިބުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދާއިރާގެ ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ރޭ ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތިމަރަފުށީ ދާއިރާގެ އިންތިހާބުގައި ފުލުހުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ކުރަނީ ވަރަށް ބޮޑު ބޭނުމެއްގައި ކަމަށެވެ.
އަދި އެއީ ތިމަރަފުށީ ދާއިރާގެ ރައްޔިތުން އެއްވެސް ހާލެއްގައި ކުރާ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ރޭ ވިދާޅުވި އެވެ.
"މިއަދުގެ ތިމަރަފުށީ ދާއިރާގެ އިންތިހާބުގައި ފުލުހުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް އެކުރަނީ، ވަރަށް ބޮޑު ބޭނުމެއްގައި، އެއްވެސް ހާލެއްގައި ތިމަރަފުށީ ރައްޔިތުން ކުރާ ކަމެއް ނޫން އެއީ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ ތިމަރަފުށީ ދާއިރާގައިތިބި އެމްޑީޕީގެ ޒުވާނުން ފުލުހުން ހައްޔަރުކުރަމުން ގެންދާކަމަށް އެދާއިރާއަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެނޑިޑޭޓު މުހައްމަދު މުސްތަފާ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
ރައީސް ނަޝީދު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މިއަދު ހެނދުނު ވަނީ މާލެ ވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުޙަންމަދު މުސްތަފާއަށް ތާޢީދު ހޯއްދެވުމަށް ރައީސް ނަޝީދު ކުރެއްވި މި ދަތުރުފުޅުގައި އެ ދާއިރާގެ 3 ރަށް ކަމަށްވާ ތިމަރަފުށި، ގާދިއްފުށި އަދި ގުރައިދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) އާއި، ތިނަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމުގެ ނައިބު މުޙައްމަދު ގަސަމް އާއި، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠޯރިގް އާއި، ބާރަށު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް މުޙަންމަދު ޝިފާޒް އާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ އާއި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން މޫސާ މަނިކާއި، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިއަށް އޮތް ތިން ދުވަހު ތިމަރަފުށީ ދާއިރާގެ ޒުވާނުން މަޑުން ތިބެންޖެހޭ – ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ