ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް ގާސިމް އެދިވަޑައިގެންފި

ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު މިކަމަށް ގޮވާލެއްވީ އެމަނިކުފާނު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހިރާއްޖެ ވަނީ ކުރިންވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އެކަމުގެ ތަޖުރިބާ ކޮށްފައިވާކަމަށާއި ބަރުލަމާނީ ނިޒާމެއްގައި ރައީސެއްގެ ކޯޅުންގަނޑު ބޮޑުވާނެކަމަށެވެ.
ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރުމަށް އެދި ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ކުރާނީ ދިވެހި ގައުމަށް ހެޔޮއެދިގެން ނޫން ކަމަށާއި އަދި އެކަމަކީ ވަރަށް ބޮޑު ޚަރަދެއް ކަމަށެވެ.
އަދި އެގޮތުން ބަރުލަމާނީ ނިޒާމެއްގައި ހުންނަ ރައީސަކީ އެއްވެސް ބާރެއް ހުންނަ މީހެއް ނޫންކަންވެސް ގާސިމް ފާހަގަކުރެއްވިއެވެ.
ބަރުލަމާނީ ނިޒާމެއްގެ ވާހަކަ އެންމެ ގަދައަށް ދައްކަވާ ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ދާއިރު އެ ނިޒާމުގައި ހުންނަ ވެރިއަކު ރައްޔިތުންގެ ގާތަށް ދާން ނުޖެހުނީމަ އެ ލިބޭ ނިކަމެތިކަމާ ދޭތެރޭ ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.
ގާސިމް ވަނީ ރާއްޖޭގައި ރައީސަކު ހުންނައިރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ރުހުމާއި ތާއީދުލިބޭކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި އެކަންކަން އެގޮތަށް ނުހިގާނެ ކަންވެސް ފާހަގަކުރަށްވާފައެވެ.
އަދި މުޅި ރާއްޖޭގެ ރައްޔިތުން ގާތަށް ގޮސް ވޯޓު ހޯދައިގެން ރައީސް ކަމުގެ މަގާމަށް ނާދެވޭނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅުން ބޭނުންވާނީ ބަރުލަމާނީ ނިޒާމު ގެންނަން ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ