ގާސިމް ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ޑިމޮކްރެސީގެ ހާލަތު ހިއްސާކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސީރިސޭނާއާއި ބައްދަލު ކުރައްވައިފި އެވެ.
ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު 'ސަން' އަށް ވިދާޅުވީ ގާސިމް ސްރީލަންކާގެ ރައީސް ސިރިސޭނާއާ ބައްދަލުކުރައްވައި ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު ހިއްސާކުރައްވާފައިވާ ކަމަށެވެ. ސިރިސޭނާއާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ގާސިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ބޭރު ގައުމުތަކުގެ އިސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ގާސިމް ސްރީލަންކާ އަށް ފުރާވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ގާސިމް ސްރީލަންކާއަށް ދަތުރުފުޅުކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީ ގުޅިގެން ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ އިއްޔެ ބޮޑު ހިނގާލުމެއް ބޭއްވުމެއް ނިންމެވުމަށް ފަހު އެވެ. ގާސިމް އިއްޔެ ވިދާޅުވެފައި ވަނީ އިއްޔެ ކުރިއަށް ގެންދިޔަ ބޮޑު ހިނގާލުމުގައި ބައިވެރިވެވަޑައި ނުގެންނެވުނީ ސްރީލަންކާގައި ބައެއް އިސްވެރިންނާއި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ މައުލޫމާތު ހިއްސާކުރުމުގައި އުޅުއްވާތީ ކަމަށެވެ.
ގާސިމް އެނބުރި މާލެވަޑައިގަންނަވާނެ ދުވަހެއް އަދި އެނގިވަޑައި ނުގަންނަވާ ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ