ރައްޔިތުން އެދޭ ކަންކަމަށް ހައްލު ލިބެން މިއޮތީ ހަފްތާއެއްހައި ދުވަސް: ފައިސަލް

ރައްޔިތުން އެދޭ ކަންކަމަށް ހައްލު ލިބެން މިއޮތީ ހަފްތާއެއްހައި ދުވަހަށް ކައިރިވެފައި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެ
ފައިސަލް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިއަދު ހެނދުނު ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙާއި އެކު ކާށިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޕާޓީތަކުން އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް އިތުރު ހިތްވަރާއެކު ކުރިޔަށް ގެންދިޔުމަށ ފައިސަލް ވިދާޅުވެއްޖެއެެވެ.
ފައިސަލް ނަސީމަކީ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރެވެ. އެހެން ކަމުން ކާށިދޫ ދާއިރާގެ ރައްޔިތުން އިސްލާހަށް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި ފައިސަލް ވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ. ރިޔާސީ އިންތިޚާބަށް ދެންއޮތީ އެންމެ 6 ދުވަސްކަން ފާހަގަކުރައްވައި ފައިސަލް ވަނީ އިސްލާޙީ މަސައްކަތްތާއި އެކު އަދި އިއްތިހާދާއި އެކު ކުރިޔަށް ވަޑައިގެންނެވުމަށް ވިޔަފާރިވެރިންނާއި މުވައްޒަފުންނަށްވެސް ގޮވާލައްވާފައެވެ.
" އަޅުގަނޑުމެން ފާހަގަކުރަން ދިވެހިރާއްޖެ މިއަދާއި ހަމައަށް ގެނައުމަށްޓަަކައި މަސައްކަތް ކުރައްވާފައިވާ ދިވެހި ވިޔަފާރިވެރިން، މިއަދު އަޅުގަނޑުމެން ބޭނުން ވަނީ ދިވެހި ވިޔަފާރިވެރިން ޤައުމަށްޓަކައި މަސައްކަތްކޮށްދެއްވައި އެއްބާރުލުން ދެއްވައި މިމަސައްކަތުގައި ފުލްކޮށް ޝާމިލްވާން. އަދި ދައުލަތުގެ މުވައްޒަފުންނާއި މުއައްސަސާތަކުގެ ވެރިންނާއި ކުންފުނިންތަކުގެ މުވައްޒަފުންނަށްވެސް އަޅުގަނޑު ގޮވާލަނީ، މިބިރުވެރިކަމާއި ނާމާންކަން ފޮހެލައި ދިވެހިރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނައުމަށްޓަކައި މިމަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށޭ!" ފައިސަލް ވިދާޅުވިއެވެ.
މިއަދު ގެއްލިގެންދާ އެއްޗަކީ އެތައްހާސް ދުވަހަކަށް އެތައް އަހަރުތަކަކަށް ގެއްލިގެންދާނޭ އެއްޗެއް ކަމުގައި ވެގެން ހިނގައިދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ