ޖަލްސާއަށް މާލެ ގެނައި މީހުނަށް ފައިސާ ދިނީ ކެއުން ބުއިމާއި ހުރުމަށް

މާދަމާ ބާއްވާ ޕީޕީއެމްގެ ބޮޑު ޖަލްސާއަށް މާލެ އައި ފަރާތްތަކަށް ފައިސާ ދީފައިވަނީ އެ ފަރާތްތަކުން މިއަދާއި މާދަމާ މާލޭގައި ހުރުމުގެ ޚަރަދުތަކަށާއި، ކެއުން ބުއިމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މާދަމާރޭގެ ބޮޑު ޖަލްސާއަށް އަތޮޅުތަކުން މިއަދު މާލެ ވަޑައިގެންނެވި ޓީމު ދެދުވަހެއްވަރު މާލޭގައި މަޑުކުރައްވަން ޖެހިވަޑައިގަންނަވާނެތީ، އެފަރާތްތަކުން މާލޭގެ ތިބުމުގެ ތައްޔާރީތަކަށް ޕީޕީއެމް އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
"އެމްޑީޕީގެ އެންމެ ފަހުގެ ޖަލްސާއަށް އ. އަތޮޅުން މާލެ އައި ބައެއް މީހުންވެސް އަލުން ރަށަށް ފޮނުވަން ޖެހުނީ އަޅުގަނޑުމެންނަށް. އެހެން މިކަން ވިޔަ ނުދިނުމަށްޓަކައި ދިރާސާ ކުރުމަށްފަހުގައި މާލޭގައި ދެރޭގެ ހުރުމާއި، ކެއުމަށްވާނެ ކުޑަ މިންވަރެއްގެ ފައިސާ އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް އަޅުގަނޑުމެން ދެމުން އެބަދަން،" ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، ކެއުން ބުއިމާއި، ހުރުމުގެ އިންތިޒާމްތަކަށް ދޭ ފައިސާއަކީ ގަދަކަމުން ބަޔަކަށް ފައިސާ ދީގެން ގެނެސް ޕީޕީއެމްގެ ޖަލްސާގައި ބައިވެރި ކުރުވުން ކަމަށް ތަރުޖަމާކުރަން ތައްޔާރަށް ތިބި ހުރިހާ ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ އެކަން އެހެން ހުހިނގާ ކަމަށް ކަމަށެވެ.
"މިއަދު މާލެއައި ބޭފުޅުން އަޅުގަނޑުމެންނަކަށް މަގުމައްޗަކަށް ދުލެއް ނުކޮށްލެވޭނެ. އެއީ ޕީޕީއެމް އިން ޓްރެކް ރިކޯޑެއްގެ ގޮތުގައި އޮންނާނީ އަޅުގަނޑުމެންގެ އެއްވެސް ޖަލްސާއަކަށް ގެނައި ބަޔަކު މަގުމަތި ކޮށްފައި ނުވާނެ." ޕީޕީއެމްގެ ޖަލްސާތަކަށް ގެންނަ މީހުންނާ މެދުގައި އަމަލުކުރާގޮތް އޮޅުންފިލުވައިދެއްވައި ނިހާން ވިދާޅުވިއެވެ.
ގަދަކަމުން އެއްހާސް ރުފިޔާ ދީގެން ޖަލްސާއަށް މީހުން ގެނައިކަމަށްބުނެ ބައެއް ފަރާތްތަކުން އެފަދަ ހަބަރުތަކެއް ފަތުރަން މަސައްކަތް ކުރައްވާ ކަމަށާއި، ނަމަވެސް ޖަލްސާއަށް ގެންނަނީ ވޮލެންޓިއަރުންގެ ގޮތުގައި ރައީސް ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަށް ކަމަށް ނިހާން ވިދާޅުވިއެވެ.
"ވޮލެންޓިއަރުން ތެރެއިން މީހަކު ރޭވިގެން ނުބައި ވިސްނުމެއްގައި ނުބައި ނިޔަތެއްގައި އަރައިގެން އައިސްފައި އިންޓަވިއުއެއް ދިނުން އެއީ މިއާ ގުޅުންހުރި ކަމެއްނޫން. އަޅުގަނޑުމެންގެ ވިސްނުމާއި، ފިކުރާވެސް ގުޅުންހުރި ކަމެއް ނޫން. ފަހަރުގައި އެއިން ބޭފުޅަކު ލައްވާ ވީޑިއޯ ކޮޅެއްވެސް، ފަހަރެއްގައި އެއިން ބޭފުޅަކު ލައްވާ އިންޓަވިއުވެސް ތިބޭފުޅުން ނަންގަވާފާނެ." ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، ރައީސް ޔާމީނަށް ތާއީދުކުރާ އެންމެ ގިނަ އަދަދެއްގެ މީހުން އެއްތާކަށް ފުރަ މާލެއަށް ގެންނާނީ ކޮން ގޮތަކަށްތޯ ބަލައި އެ ވިސްނުމުގައި ފުރަތަމަ މަސައްކަތްކުރީ ކަނޑުމަގުން ސަޕޯޓަރުން ގެންނަން ކަމަށާއި، ނަމަވެސް ކަނޑުމަގުން ދުރުން އަންނަން ވަރަށް ދަތިވެ، ވަރަށް ބޭނުންފުޅުވާތީ ދުރު އެންމެ ދެކުނާއި، އެންމެ އުތުރުގެ އަތޮޅުތަކުން ވައިގެ މަގުން ގެނައުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ، ވައިގެ މަގުން މާލެ އަންނަ ފަރާތްތަކަށް މަރުޚަބާ ދެންނެވުމުގެ ކަންކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަދި މާލެ ބުރިޖު ބަލާ ޕްލެޓްފޯމް ސަރަހައްދުގައި ޕާޓީގެ އިސް ވެރިންވެސް ބައިވެރިވެގެން ކުރިއަށްދާ ކަމަށާއި، ފިސާރި ބޮޑު ޖަލްސާއެއް މާދަމާރޭ މާޅޭ ޓްރެކް ސަރަހައްދުގައި ބާއްވާނެ ކަމަށެވެ.
"ބައްލަވަން ތިއްބަވާ، ﷲ އިރާދަކުރެއްވިއްޔާ ފުރަ މާލޭގައި ދުވަހަކުވެސް ސިޔާސީ ބޭނުމަކަށް އެއްތަނަކަށް މީހުން މިއާ ގާތަށް ޖަމާކުރެވޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ މާދަމާ ނޫނިއްޔާ ނާންނާނެ." އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.
މާދަމާރޭ ޕީޕީއެމް އިން ރަސްމީ ސައިޒް ދައްކާލުމަށް އަތޮޅުތެރޭން ސަޕޯޓަރުންނާއެކު ބާއްވާ ބޮޑު ޖަލްސާއަށް 25000 އަށްވުރެ ސަޕޯޓަރުން ޖަމާވާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ