ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާކަން އެ ކޮމިޝަނުން ގާޒީ ހައިލަމް އަށް އަންގާފައި ނުވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިން މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މައްސަލަ ބެއްލެވުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމަށް ދަންނަވާފައެވެ. އަދި މީގެކުރިންވެސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމަށް ކްރިމިނަލް ކޯޓަށާއި ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައިވާ ކަމަށް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒު ވަނީ ވިދާޅުވެފައެވެ.
ޝިޔާޒުގެ އެވާހަކަތަކާއި ގުޅިގެން ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރަން ބޭނުންވާ ސަބަބަކީ ކޮބައިތޯ އައްސަވާފައެވެ. ޖަވާބުގައި ޔާމީންގެ ވަކީލު ޝިޔާޒު ވިދާޅުވީ ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ކަމަށާއި އެ އެ ކޮމިޝަނަކީ ގާޒީ ހައިލަމް ސަސްޕެންޑު ކުރުމުގެ ބާރުވެސް ލިބިފައިވާ ކޮމިޝަނެއްކަން ފާހަގަކުރައްވާފައެވެ. އެކަމާއި ގުޅިގެން ގާޒީ ހައިލަމް ވިދާޅުވީ ޖޭއެސްސީން އެމަނިކުފާނުގެ މައްސަލައެއް ބަލަމުންދާކަން އެމަނިކުފާނަށް އަންގާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ކަމެއް އަޅުގަނޑަށް އަންގާފައެއް ނުވޭ،" ގާޒީ ހައިލަމް ވިދާޅުވިއެވެ.
ގާޒީ ހައިލަމާ ބެހޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާގެ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ.
ގާޒީ ހައިލަމްގެ މައްސަލައެއް ކުއްލި ގޮތަކަށް ޖޭއެސްސީން ބަލަން ނިންމިއިރު، ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅިގެން ޖޭއެސްސީން އެކުލަވަލައިލި ރިޕޯޓެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.
ޖޭއެސްސީން މައްސަލައެއް ބަލާ ކަމެއް އަންގާފައެއް ނުވޭ: ގާޒީ ހައިލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ