މަކުނުދޫ ކައުންސިލް އިދާރާގައި ދިރިއުޅޭ ނިކަމެތި އަންހެނަކަށް ރައްޔިތުން ގެއެއް އަޅައިދެނީ

އަޅާލާނެ މީހަކު ނެތިގެން ހދ. މަކުނުދޫ ކައުންސިލް އިދާރާގައި ދިރިއުޅެމުން އަންނަ އަންހެން މީހާ އަށް އެ ރަށު ރައްޔިތުން ގެއެއް އަޅައިދޭން ފަށައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރިލްވާން މިއަދު ވިދާޅުވީ އަޅާލާނެ މީހަކު ނެތް އުމުރުން 70ގެ އަހަރަށް ވުރެ މަތީގެ މަރިޔަމް ހުސެން (ނައިފަރު ދޮންމަރިޔަނބު) އެ ރަށު ކައުންސިލް އިދާރާގައި ދިރިއުޅެމުން އަންނަތާ މިހާރު ތިން ހަފުތާ ވެފައިވާ ކަމަށެވެ. އަދި ކައުންސިލަރުން އޭނާ އެތަނުގައި ބަލަހައްޓަމުން އަންނައިރު ރަށު ރައްޔިތުން ވެގެން އަންހެން މީހާ އަށް ގެއެއް އަޅައިދޭން މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 1500އެއްހާ މީހުން ދިރިއުޅެމުން އަންނަ މަކުނުދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލުން އިސްނަގައިގެން ކުރަމުން އަންނަ އެ މަސައްކަތުގައި ރަށުގެ ގިނަ ރައްޔިތުންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. އެ ގެ އެޅުމަށް ފައިސާގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހަދިޔާ ކުރީ ރަށުގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުން ވެސް އެ ގެއަށް ބޭނުންވާ ތަކެތި ހަދިޔާގެ ގޮތުގައި ފޮނުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ކައުންސިލް އިދާރާއިން ބުނިގޮތުގައި އެއީ އެއް ކޮޓަރި އާއި ސިޓިން ރޫމެއްގެ އިތުރުން ފާހާނާއަކާއި ގިފިއްޔެއް ހިމެނޭ ފެންވަރު ރަނގަޅު ގެއެކެވެ.
"މަރިޔަނބަށް އެހީވުމަށް އަޅުގަނޑުމެން އާއްމުކޮށް ހުޅުވާލުމުން ރަށުގެ ގިނަ ބަޔަކު ފައިސާގެ އެހީ ދިން. އަދި އަނެއް ބަޔަކު ގެއަށް ބޭނުންވާ ތަކެއްޗާއި މުއްޓާއި ސިމެންތި ފަދަ ތަކެތި ހަދިޔާ ކުރިއިރު މިތަން އިމާރާތް ކުރުމަށް ވެސް ރައްޔިތުން އަންނަނީ އަމަލީ ގޮތުން ބައިވެރިވަމުން،" އެކުވެރި ރައްޔިތުންތަކެއް އުޅޭ ރަށެއްގެ ގޮތުގައި ސިފަ ކުރައްވަމުން ރިލްވާން ވިދާޅުވި އެވެ.
އެ ގެއެޅުމުގެ އަމަލީ މަސައްކަތުގައި ރަށުގެ ކައުންސިލަރުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ރިލްވާން ވިދާޅުވި ގޮތުގައި ހދ. ވައިކަރަދު އާއި ޅ. ނައިފަރު ދެމަފިރިއަކަށް ލިބިފައިވާ މަރިޔަމް މަކުނުދު އަށް ބަދަލުވީ އެ ރަށު މީހަކާ އިނދެގެންނެވެ. އަދި އޭނާގެ ފިރިމީހާ މަރުވެފައިވާ އިރު ލިބިފައިވަނީ ސިކުނޑި ހަމަނުޖެހޭ އެންމެ ކުއްެޖެކެވެ. އެނގިފައިވާ ގޮތުގައި، އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދެމުން އައި އެލަވަންސް މިހާތަނަށް ބޭނުން ކުރަމުން އަންނަނީ އޭނާގެ ދަރިފުޅެވެ. އެކަމަކު ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކައުންސިލުން ވަނީ އެ ފައިސާ އަންހެން މީހާ އަށް ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ.
ރިލްވާން ވިދާޅުވީ އަންހެން މީހާގެ ފިރިމީހާގެ ގޯއްޗެއްގައި އަޅާ އެ ގެ ދެ ހަފުތާއެއްގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި އޭނާ އެގެއަށް ބަދަލު ކުރުމަށް ފަހު ކެއުމާއި އޭނާ ބެލެހެއްޓުން ބަޔަކާ ހަވާލު ކުރާނެ ކަމަށް ރިލްވާން ވިދާޅުވި އެވެ.
"އިނާޔަތުގެ ގޮތުގައި އަންހެން މީހާ އަށް ލިބޭ ފައިސާ އަޅުގަނޑުމެން ހަރަދު ކުރާނީ އަންހެން މީހާ އަށް ކާންދީ އޭނާ ބެލެހެއްޓުމަށް. އެކަން ކުރާނެ ބައެއް އަޅުގަނޑުމެން މިހާރު ހޯދާފައިވާނީ،" ރިލްވާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ