މެމްބަރު ރިޔާޒުގެ މައްސަލަ ތަހުގީގުކުރަން އެޗްއާރުސީއެމުން ހުށަހަޅައިފި

ފެބުރުއަރީ 7 ގައި ބަންޑާރަކޮށި ތެރޭގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރިޔާޒު ސިފައިންނަށް އަމުރުކުރައްވާފައިވާކަން ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ތަހުގީގަށް ފާހަގަކުރެވޭތީ އެ މައްސަލަ ތަހުގީގުކުރުމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާއި ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފެބުރުއަރީ 7،6 ގެ ހާދިސާތައް ތަހުގީގުކުރުމަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ރިޔާޒުގެ ނަން ހާމަނުކޮށް ބުނެފައި ވަނީ "ބަންޑާރަކޮށި ތެރޭގައި ހުންނެވި މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކު ބައެއް ސިފައިންނަށް އަމުރުކޮށް ހަދާފައިވާ" ކަމަށެވެ. އަދި އޭނާގެ އިތުރުން ސިފައިންގެ މަރުކަޒުގައި އެ ދުވަހު ތިއްބެވި ސަރުކާރުގެ ބައެއް އިސްވެރިން ސިފައިންނަށް އަމުރުކޮށް، ބައެއް ސިފައިން ކޮއްޕާ ނެރެން މަސައްކަތްކޮށްފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓްގައި ވެ އެވެ. އެހެންވެ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރިޕޯޓުގައި އެޗްއާރުސީއެމުން ހުށަހަޅާފައިވެ އެވެ.
ފިޔަވަޅު އެޅުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި ރިޔާޒުގެ ނަން ހިމަނާފައި ނުވި ނަމަވެސް ސިފައިންގެ މަރުކަޒުގައި އެ ދުވަހު ރައީސް ނަޝީދާ އެކު އުޅުއްވި ޕާލަމެންޓް މެމްބަރަކީ ހަމައެކަނި ރިޔާޒު ކަން އެ ރިޕޯޓުގައި ބުނެފައި ވެ އެވެ. އޭނާގެ އިތުރުން ނަޝީދު އަރިހު ސިފައިންގޭގައި އުޅުއްވީ ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ހޯމް މިނިސްޓަރު ހަސަން އަފީފާއި ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ކަމަށް އެޗްއާރުސީއެމްގެ އެ ރިޕޯޓުގެ އެހެން ބައެއްގައި ބުނެފައިވެ އެވެ. އަދި ހަ ވަނަ ދުވަހުގެ ރޭ ހެނދުނު 6 ޖަހަންދެން އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު ވެސް ސިފައިންގެ މަރުކަޒުގައި އުޅުއްވި ކަމަށް ރިޕޯޓުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ