ކުކުޅު ކޮށްޓެއްގެ ތެރޭގައި ބަނގުރާ ގެންގުޅުނު މީހަކު ޖަލަށް

ކުކުޅު ކޮށްޓެއްގެ ތެރޭގައި ބަނގުރާ ގެންގުޅުނު މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ. މިއީ ރާއްޖޭގެ އުތުރުގެ ބޮޑު ރަށެއްގައި ހިނގައިދިޔަ ހާދިސާއެކެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އުތުރުގެ ބޮޑު ރަށެއްގައި، މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ. ފުލުހުންނަށް އެ މައްސަލައާ ގުޅިގެން ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި، މި ހާދިސާގައި ދައުލަތުން ދައުވާ ކުރި މީހާ އުޅޭތަން ބެލިއިރު، އޭނާގެ ގެއިންނާއި އަދި ކުކުޅު ކޮށްޓަކުން ބަނގުރާ ފެނިފައި ވެއެވެ. މި މައްސަލައިގައި އެ މީހާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ ބަނގުރާ ބުއިމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާއަށް ވެސް އެ މީހާ ވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. މި ދެ މައްސަލައިގެ ތެރެއިން ބަނގުރާ ބުއިމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ޝަރިއަތުގައި، ދައުވާ ލިބުނު މީހާ ކުށަށް އިއުތިރާފުވެ، ލުއި އަދަބަކަށް އެދިފައިވާ އެދުމަށް ރިއާޔަތްކޮށް އަދަބު ވަނީ ލުއިކޮށްދީފައެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި 14 ދުވަހުގެ ޖަލު ހުކުމް ޝަރީއަތުން ވަނީ 2،800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އޭގެ އިތުރުން ބަނގުރާ ބުއިމަކީ ހައްދު ކަނޑައެޅިފައިވާ ކުށަކަށްވުމުން، 40 އެތި ފަހަރުން ޖަލްދު ކުރަން ހުކުމް ކުރިއެވެ. ހުއްދަ ހޯދައިން ކުރަން ޖެހޭ ކަމެއް ހުއްދަ ނުހޯދައި ކުރުމުގެ ބަޔަށް އިއްވާފައި ވަނީ ތިން މަހާއި 10 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އިއުތިރާފަށް ބަލައި އެ ހުކުމް ވެސް ވަނީ ލުއިކޮށް ދީފައެވެ. ހުކުމް ލުއިކޮށްދީފައި ވަނީ 20،000 ރުފިޔާގެ ޖޫރިމަނާއަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ