ކެޔޮދޫ ބަލިކޮށް ނިއު އަށް ޔޫތު ޗެމްޕިއަންޝިޕްގައި ފުރަަތަމަ މޮޅު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 19 އަހަރުން ދަށުގެ މުބާރާތުގައި، ވ. ކެޔޮދޫގެ މައްޗަށް 7-1 އިން ކުރިހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިިފި އެވެ. 
ހަ ޓީމު ވާދަކުރާ ޔޫތު ޗެމްޕިއަންޝިޕްގައި ނިއު އިން ކުޅުނު ފުރަތަމަ ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވިއިރު. ދެ ވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ވަނީ 3-3 އިން އެއްވަރުވެފަ އެވެ. 
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު  މެޗުގައި ނިއު އިން ފުރަތަމަ ހާފު ނިންމާލީ ވެސް ތިން ގޯލުގެ ލީޑަކާ އެކު އެވެ. އެ ގޮތުން، 15 ވަނަ މިނިޓްގައި އަޔާން ހަސަން ޝަރީފްގެ ލަނޑުން ނިއު އިން. ލީޑުނެގިއިރު، އޭގެ ހަތް މިނިޓް ފަހުން، އަހުމަދު މާއިން މުހައްމަދު ވަނީ ނިއުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، މި ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނިއުގެ ތިން ވަނަ ލަނޑު ޖެހީ، މުހައްމަދު އިޒާން އަލީ އެވެ. 
ނިއު އިން ހަތަރު ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓް ތެރޭގަ އެވެ. މިއީ، ޒާކީ މުޖުތަބާ ޒާހިރު ޖެހި ގޯލެކެވެ. އޭގެ ތިން މިނިޓް ފަހުން، މެޗުގައި ކެޔޮދޫން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރި އެވެ. މިއީ، ޕެނަލްޓީ އަކުން މުހައްމަދު ޝައްމާހު ސަލާހު ޖެހި ގޯލެކެވެ. 
މެޗުގައި ނިއުގެ ފަސް ވަނަ ލަނޑު ޖެހީ، 69 ވަނަ މިނިޓްގައި އަބްދުﷲ އާއިޝް އަލީ އެވެ. އަދި، އޭގެ ހަ ވަރަކަށް މިނިޓް ފަހުން، އަހުމަދު ހަމްދާން އަޒްލީން ވަނީ ނިއުގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. 
ނިއު އަށް ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ، ޒާކީ އެވެ. 
ލީގު އުސޫލުން ފުރަތަމަ ބުރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕްގައި ކޮންމެ ޓީމެއް ވަނީ ތިން މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް އޮޑި އަށް ވަނީ  ހަތް ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އިން ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ނިއު އަށް ފަސް ޕޮއިންޓް ވަނީ ލިބިފަ އެވެ. 
ހަތަރެއްގައި އޮތް ބުރު އާއި ފަަސް ވަނައިގައި އޮތް ކެޔޮދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ޓީސީ ވަނީ ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ބަލިވެފަ އެވެ. 
މުބާރާތުގެ މެޗުތައް ދެން އޮތީ ދެ ދުވަސް ފަހުންނެވެ. ބުރާސްފަތި ދުވަހު ހަވީރު، ބުރު އާއި އޮޑިން ބައްދަލުކުރާއިރު، އެރޭ ނިއު އިން ކުޅޭނީ ޓީސީއާ އެވެ. އަދި، ހުކުރު ދުވަހުގެރޭ މާޒިޔާ އާއި ކެޔޮދޫން ވާދަކުރާނެ އެވެ. 
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން، ލީގު ބުުރު ނިމުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް  މި މަހު 17 ވަނަ ދުވަހު ފައިނަލުގައި ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ